
ސީޓީ ސްކޭން މެޝިންގެ ފައިނަލް އިންސްޕެކްޝަން ނިމިއްޖެ: ފުވައްމުލަކު ހޮސްޕިޓަލް
މި ސިޓީ ސްކޭން މެޝިން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި.
ފުވައްމުލަކު ހޮސްޕިޓަލުގައި ބެހެއްޓުމަށް ގެންދިޔަ ސީޓީ ސްކޭން މެޝިންގެ ފައިނަލް އިންސްޕެކްޝަން ނިމިފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލަށް ސީޓީ ސްކޭންގެ ޚިދުމަތް ތަޢާރަފްކޮށް ބަލިމީހުންނަށް އެޚިދުމަތް ވީހާވެސް އަހަވަކަށް ދޭންފެށުމަށް އެ ހޮސްޕިޓަލާއި ހެލްތް މިނިސްޓްރީގެ ޓީމުން މަސައްކަތް ކުރައްވާމުން ގެންދަވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަށްޓަކައި ސަރުކާރުން ގަނެފައިވާ ސީޓީ ސްކޭން މެޝިން ވަނީ އެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވީ ގޮތުގައި ސީޓީ ސްކޭންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން ފެށުން ވެގެންދާނީ ފުވައްމުލަކު ސިޓީއަށް ސިއްޚީ ޙިދުމަތް ރަނގަޅުކޮށް ޒަމާނީ ޑައިގްނޯސްޓިކް ކެއާ ގެނައުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަށް ތައްޔާރު ވަމުން އަންނަނީ އެ ހޮސްޕިޓަލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޙިދުމަތްތައް ފުޅާކޮށް ރަނގަޅު ކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ރިއެކްޝަންސް






