ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތަހުނިޔާ ވިދާޅުވެއްޖެ
އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕް، މަޤާމާއި ހަވާލުވެވަޑައިގަތުމުން އެ މަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު، އެމެރިކާގެ ރައީސް ޓްރަމްޕަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އިންޑިއާ ކަނޑުގެ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ސަރަޙައްދީ ސުލްހަ މަސަލަސްކަމާއި ފާގަތިކަން ކުރިއެރުވުމަށްޓަކައި، އެ ލަނޑުދަނޑިއަށް ވާސިލުވުމުގައި މަސައްކަތް ކުރުމަށް ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ. އަދި ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި އެމެރިކާގެ ރައީސް، ޓްރަމްޕާއި އެ މަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތް ކުރުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މެސެޖުގައި، މި އަހަރަކީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށާއި މިއީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
އެ ގޮތުން ވިޔަފާރިއާއި އިގުތިސާދީ ގުޅުން ބަދަހިކުރުމާއި، ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ޑިމޮކްރެޓިކް ހަމަތަކާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ މަގުގައި ހުރި ގޮންޖެހުންތަކަށް ހައްލުހޯދުމަށް ދެ ޤައުމުން ކުރާ މަސައްކަތް ދިވެހިރާއްޖެއިން ބަލައިގަންނަކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ޓްރަމްޕަށް އެ މަނިކުފާނުގެ ރައީސްކަމުގެ ދައުރުގެ ރަސްމީ މަސްޢޫލިއްޔަތުތައް އަދާކުރުމެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެން، އެ މަނިކުފާނަށް ފުރިހަމަ ޞިއްޙަތަކާއި ދުޅަހެޔޮކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ރައީސް ޓްރަމްޕަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ޕޯސްޓެއްވެސް ކުރައްވާފައެވެ.
ރިއެކްޝަންސް