ކުރިއަށްދާނީ، ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުން- ރައީސް
މާތް ﷲގެ އިރާދަފުޅާއެކު، މި ސަރުކާރުން ކުރިއަށްދާނީ، ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަރި އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ، ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު އިޝާރާތްކުރެއްވީ ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަށެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އާއި، އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ، އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާ އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާއެއް ހުރި ދެ ޢިމާރާތް ބޭނުންނުކުރެވޭ ގޮތަށް އަނދާ އަޅިއަށްވީ ހާދިސާއަކީ، ރައީސުލްޖުމްހޫރިއްޔާއަށްވެސް ފުން އަސަރުތަކެއް ކުރުވި ހާދިސާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ހާދިސާގައި ގެއްލުން ލިބުނު ތިން ވުޒާރާ އާއި މާލޭ ސިޓީ ކައުންސިލަކީ، އެމަނިކުފާނުވެސް އެކި ދުވަސްވަރު އެ ތަންތަނުގައި ޚިދުމަތްކުރެއްވި އިދާރާތަކެއް ކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ، އެތައް އަހަރެއްގައި އެތައް މުވައްޒަފުންނަކާއެކު މަސައްކަތްކުރި އެ ޢިމާރާތްތައް އަނދައި، ހުލިވެ، ބިންމައްޗަށް ތިރިވީ މަންޒަރު ފެނިވަޑައިގަތުމުން އަސަރުކުރެއްވިކަމަށެވެ.
އެމަނިކުފާނު ވިދާޚުވީ މި ގޮންޖެހުމާ ކުރިމަތިލެއްވީ ވަރަށް ހިތްވަރާ އެކުގައިކަމަށެވެ. އެންމެން އެކީ އަތުކުރި އޮޅާލައިގެން، ބުރާސްފަތި ދުވަހުގެ ރޭ ފެއްޓެވި މަސައްކަތް މެދުކަނޑާނުލައި ކުރިއަށްގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން އާދިއްތަ ދުވަހު ހެނދުނު އެވުޒާރާތަކުގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް ވިދާޅުވިއެވެ. އެވުޒާރާތަކުގެ ޚިދުމަތް ދަރުބާރުގޭގައި ވަގުތީ ގޮތުން އިންތިޒާމް ކުރައްވާ ވަނީ ދެއްވަން ފައްޓަވަވާފައެވެ. އިންތިޒާމުތައް ހަމަޖެއްސުމުގައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ރިއެކްޝަންސް