ޕީއެންސީގެ ޕީޖީ ލީޑަރު މުސާރައިގެ %10 ނުނަގަން ނިންމައިފި
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މުސާރައިގެ %10 ނުނަގަން ނިންމައިފިއެވެ. ފަލާހު ރައްޔިތުންގެ މަޖިލިހުގެ މުސާރައިގެ %10 ނުނަގަން ނިންމެވީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު ވިދާޅުވި އެނިންމުން ނިންމެވީ ރައީސް މުއިއްޒު ގައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކޮށް, އާމްދަނީ އިތުރުކޮށް ޚަރަދުތައް ކުޑަކުރުމަށް އަޅުއްވަމުން ގެންދަވާ މުހިއްމު ފިޔަވަޅުތަކަށް އެއްބާރުލެއްވުން ދެއްވުމަށް ކަމަށެވެ.
ފަލާހު މުސާރައިގެ 10 އިންސައްތަ ނުނަންގަވަން ނިންމަވާފައި މިވަނީ ސިޔާސީ މުވައްޒަފުންގެ މުސާރަ %10 އުނިކުރަން ރައީސް ނިންމަވާފައި ވަނިކޮށެވެ. އަދި ދެ އަހަރު ވަންދެން ރައީސްގެ މުސާރައިގެ ވެސް %50 ނުނަންގަވަން ނިންމަވާ އެކަން އިއުލާނުކުރައްވާފައި ވަނިކޮށެވެ. ރައީސް މުއިއްޒުގެ އެނިންމެވުމާއެކު ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވެސް އެގޮތަށް އަމަލުކުރައްވަން ނިންމަވާ ވަނީ އިއުލާނުކުރައްވާފައެވެ.
ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރަ ވެސް %10 އުނިކުރައްވަން އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ރިއެކްޝަންސް