ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 2،000 ރުފިޔާގެ ފީއެއް ނަގަން ނިންމައިފި
ޅ. ހިންނަވަރުގެ އާބާދީ މަދުވިޔަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 2،000 ރުފިޔާގެ އިދާރީ ފީއެއް ނަގާ ގޮތަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ހިންނަވަރު ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި އިއުލާނެއްގައި ބުނީ، އެ ރަށުގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވާ މީހުންގެ އަތުން މި ފީ ނަގަން ނިންމީ، ހިންނަވަރުގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރުކުރާ ކަމަށް ފާހަގަކުރެވޭތީ ކަމަށެވެ. އަދި މިއީ ރަށުގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް އެ ކައުންސިލުން މައުލޫމާތު ދެއެވެ.
ގާތްގަނޑަކަށް 2،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ހިންނަވަރު ކައުންސިލުން އާންމުކުރި އެންގުމުގައި ވާގޮތުން، މި އައު އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
މި ނިންމުމާ ގުޅޭގޮތުން ހިންނަވަރު ކައުންސިލްގެ ރައީސް މުޙައްމަދު އައްފާން ވިދާޅުވީ، އެ ނިންމުން ނިންމާފައި ވަނީ މި ހަފުތާތެރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ހުރިހާ ކައުންސިލް މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
"މިކަމަށް މަޝްވަރާކޮށް ހުރިހާ ކައުންސިލަރުން ވެސް އެއްބަސްވެގެން ނިންމި ނިންމުމެއް މީ،" އައްފާން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއް ރަށުން އަނެއް ރަށަށް ބަދަލުވުމުގެ އިހުތިޔާރު ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ. އަދި ރާއްޖޭގެ ގިނަ ރަށްރަށުން އެންމެ ގިނަ އަދަދަކަށް މީހުން ރަށްވެހިކަން ބަދަލުކުރަމުންދަނީ ވެރިކަން ކުރާ މާލެއަށެވެ.
ރިއެކްޝަންސް





