ހަތް މަސް ތެރޭ މަސްތުވާތަކެތީގެ 600 އަށްވުރެ ގިނަ މައްސަލަ ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ ތަހުގީގުތައް ނިންމުމަށްފަހު، 634 މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ޖުލައި 31 ގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން، ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ މި މުއްދަތުގެ ތެރޭގައި މަސްތުވާތަކެތީގެ 1533 މައްސަލައެއް ތަހުގީގުކޮށްފައިވާ ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ ގްރޭޓާ މާލެ ސަރަޙައްދުގެ 560 މައްސަލައާއި، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުން ހުށަހެޅުނު 505 މައްސަލައިގެ އިތުރުން އުތުރުން ހުށަހެޅުނު 468 މައްސަލައެވެ. ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު:
- ގްރޭޓާ މާލެ ސަރަހައްދުން: 343 މައްސަލަ
- ދެކުނު ޕޮލިސް ޑިވިޜަނުން: 136 މައްސަލަ
- އުތުރު ޕޮލިސް ޑިވިޜަނުން: 155 މައްސަލަ
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކަށް ބަލާއިރު، މިދިޔަ ހަތް މަސް ތެރޭގައި 1140 އަށް ވުރެ ގިނަ އޮޕަރޭޝަން ވަނީ ހިންގާފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5 އޮޕަރޭޝަނެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގައި ހިންގި 530 އޮޕަރޭޝަނާއި، ދެކުނުގައި ހިންގި 281 އޮޕަރޭޝަންގެ އިތުރުން އުތުރުގައި ހިންގި 329 އޮޕަރޭޝަން ހިމެނެއެވެ.
މި މައްސަލަތަކާ ގުޅިގެން 1875 މީހަކު ހައްޔަރުކޮށްފައިވާއިރު، މިއީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 8 މީހުންނެވެ. އަދި ޝައްކުކުރެވިގެން 23,249 ފަހަރު މީހުން ބަލައިފާސްކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ބަލައިފާސްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އެއީ 14,370 މީހުންނެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތްތަކަށް ބަލާއިރު، ޖުމްލަ 144.34 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެވިފައެވެ. އޭގެ ތެރެއިން 137.85 ކިލޯ އަތުލައިގަތީ މާލެ ސަރަހައްދުންނެވެ. މީގެ އިތުރުން، މުޅި ރާއްޖެއިން 1856 ފުޅި ބަނގުރާ އަތުލައިގަނެފައިވާ ކަމަށްވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ރާއްޖޭގެ 17 އަތޮޅެއްގައި ދުރާލާ ރާވައިގެން 260 އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި އޮޕަރޭޝަންތަކުގައި 266 ތަނެއް ބަލައިފާސްކޮށް، 298 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ފާހަގަކުރި ގޮތުގައި، އެންމެ ގިނަ އޮޕަރޭޝަންތައް ހިންގާފައިވަނީ ޖުލައި މަހުގައެވެ. އެ މަހު އެކަނިވެސް 13 އަތޮޅެއްގައި 79 އޮޕަރޭޝަން ހިންގާފައިވެއެވެ.
ރިއެކްޝަންސް





