ބަންޑާރަނައިބުގެ އޮފީހުން "އެނގުމަކީ ބާރެއް" ކެމްޕޭން އިފްތިތާޙުކޮށްފި
ޤާނޫނަށް އަހުލުވެރި، ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމު މަޤްޞަދުގައި، ބަންޑާރަނައިބުގެ އޮފީހުން ކުރިއަށްގެންދާ ޚާއްޞަ ކެމްޕޭން "އެނގުމަކީ ބާރެއް" މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ކެމްޕޭނަކީ ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މާލީ އެހީތެރިކަމާއެކު ހިންގާ "އެއިމް ޕްރޮޖެކްޓް" ގެ ދަށުން ފަރުމާކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
"އެނގުމަކީ ބާރެއް" ކެމްޕޭނުގެ މައިގަނޑު އަމާޒަކީ ޤާނޫނީ މަޢުލޫމާތުތައް އާންމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، ރާއްޖޭގެ ޤާނޫނުތަކަށް ރައްޔިތުން އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން، ކޮންމެ ރައްޔިތަކަށްމެ އެމީހެއްގެ ޙައްޤުތަކާއި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ސާފުކޮށް އެނގި، އާންމު ދިރިއުޅުމުގެ ތަފާތު ކަންކަމުގައި އިތުބާރާއެކު ގޮތް ނިންމުމުގެ ޤާބިލުކަން ހޯދައިދިނުމަކީވެސް މި ކެމްޕޭނުގެ މުހިންމު ބަޔެކެވެ.
މި ކެމްޕޭނުގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އެގޮތުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެންނާއި، އާންމުންނާ ސީދާ ބައްދަލުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށްގެން ހޭލުންތެރިކުރުވުމުގެ އިވެންޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގައި އާންމު ދިރިއުޅުމާ ސީދާ ގުޅުންހުރި ޤާނޫނީ މުހިންމު މަޢުލޫމާތުތައް، އާންމުންނަށް ފަސޭހައިން ދޭހަވާނެ ގޮތްތަކަށް ފޯރުކޮށްދެވޭނެއެވެ.
ބަންޑާރަނައިބުގެ އޮފީހުން ހާމަކުރި ގޮތުގައި، ޤާނޫނީ ނިޒާމަށް އާންމުންގެ އިތުބާރު ބޮޑުކުރުމާއި، ޤާނޫނުގެ ސިޔާދަތު ނެގެހެއްޓުމަކީ އެ އޮފީހުން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކެވެ. އަދި މިފަދަ ކެމްޕޭންތަކުގެ ސަބަބުން ދައުލަތުގެ ޤާނޫނީ އޮނިގަނޑަށް ރައްޔިތުން އަހުލުވެރިވެ، ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމަށް ބާރަކަށް ވެގެންދާނެއެވެ.
ރިއެކްޝަންސް





