ސަރުކާރުން ދީފައިވާ މައިންގެ ޗުއްޓީއާއި އިނާޔަތްތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި
މައިންގެ ޗުއްޓީއާއި ގާތުން ދިނުމަށް ދޭ ވަގުތު ހިމެނޭހެން، ސަރުކާރުން ދީފައިވާ ހައްގުތަކާއި އިނާޔަތްތަކުގެ ބޭނުން ފުރިހަމައަށް ހިފުމަކީ ކުދިންގެ ދިރިއުޅުން ދުޅަހެޔޮކޮށް ފެށުމަށްޓަކައި ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ގާތުން ދިނުމުގެ ހަފުތާއާ ގުޅިގެން މެޑަމް ސާޖިދާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މައިން އެކަނބަލުންގެ ދަރިފުޅަށްޓަކައި ހޭދަކުރާ ވަގުތާއި ވާ ގުރުބާނީއަކީ މައިވަންތަކަމުގެ ލޯބީގެ މަތިވެރި މިސާލެއް ކަމަށެވެ. ގާތުން ކިރުދިނުމަކީ ކުއްޖާގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، މުޅި އުމުރަށް ދެމިގެންދާ ދުޅަހެޔޮކަމުގެ ބިންގާ އަޅައިދޭ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މައިންނާއި ޅަދަރިންގެ ސިއްހީ ކަންކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅަށް ގާތުން ކިރުދިނުމަށް ދެވޭ ފުރުސަތު ދެ އަހަރަށް އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި މުސާރަ ލިބޭ ގޮތަށް ދެވޭ މައިންގެ ޗުއްޓީ ރައްކާތެރިކުރުމުގައި ރާއްޖެއިން މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
"މައިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އާއިލާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ޖުމްލަކޮށް މުޅި މުޖުތަމައުގެ ޒިންމާއެއް،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މިއަހަރުގެ ދުނިޔޭގެ ގާތުން ދިނުމުގެ ހަފުތާއަށް ކަނޑައަޅާފައިވާ ޝިއާރަކީ "ދެމެހެއްޓެނިވި ދިރިއުޅުމެއް ފެށުމަށް ގާތުން ކިރު ދިނުން: ނަތީޖާ ނެރެވޭ ކަންކަން ހަރުދަނާ ކުރުން" މިއެވެ. މެޑަމް ސާޖިދާ ވަނީ މި ޝިއާރާ އެއްގޮތަށް މަސައްކަތްކުރުމަށް އަޒުމު ކަނޑައެޅުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލައްވާފައެވެ.
ރިއެކްޝަންސް





