އުމްރާގެ އަޅުކަމަށްފަހު އެނބުރި އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އުމްރާގެ އަޅުކަމަށްފަހު އެނބުރި އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

14 hours ago - 13:41
Advertisement
Advertisement

ސްކޫލް ބަންދާއި ޖުލައި 26 ގެ މިނިވަން ދުވަހުގެ ބަންދާ ދިމާކޮށް އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ގިނަ އަދަދެއްގެ ދިވެހިން އެނބުރި ރާއްޖެ އަންނަން ފަށާފައިވާތީ، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.


މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް 5،565 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް ފުރާފައިވެއެވެ. މިއީ ފަހުގެ ތާރީހެއްގައި އެއް މަހެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ފުރި ފުރަތަމަ ފަހަރެވެ.


އެޗްޕީއޭއިން ނެރުނު އިރުޝާދުގައި ބުނެފައިވަނީ، އުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ބާރުއަޅާފައެވެ. އަދި ޑޮކްޓަރަށް ދައްކާއިރު، އެއީ އުމްރާއިން އެނބުރި އައި މީހެއްކަން ހާމަކުރުމަކީ ބަލި ދެނެގަތުމަށް މުހިންމު ކަމެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.


މީގެ އިތުރުން، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށާއި، ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، ބަލީގެ އަލާމާތްތައް ހުންނަ ނަމަ އެހެން މީހުންނާ ގައިގޯޅިވެ އުޅުމުން ދުރުހެލިވުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، ޑޮކްޓަރެއްގެ މަޝްވަރާއާ ނުލައި އަމިއްލައަށް އެންޓިބަޔޮޓިކް ފަދަ ބޭސްތައް ބޭނުން ނުކުރުމަކީ ސިއްހީ ރައްކާތެރިކަމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މި ދުވަސްވަރަކީ ގިނަ ބަޔަކު އެއްފަހަރާ ދަތުރުފަތުރުކުރާ ދުވަސްވަރަކަށް ވުމުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކަކުން ވެސް މި އިރުޝާދުތަކަށް ބޯލެނބުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement