ބޯޓުން ގެއްލުނު ލުތުފަރު މަރާލިކަން ދެ މީހެއްގެ މައްޗަށް ސާބިތުވެއްޖެ

ބޯޓުން ގެއްލުނު ލުތުފަރު މަރާލިކަން ދެ މީހެއްގެ މައްޗަށް ސާބިތުވެއްޖެ

2 hours ago - 09:33
Advertisement
Advertisement

ށ. ޅައިމަގު "ކުރިމަގު 1" ބޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑުފެއްތިކަން އެ ބޯޓުގައި މަސައްކަތް ކުރި ދެ މީހެއްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.


މި މައްސަލާގައި ކުށް ސާބިތުވާ ކަމަށް ގާޒީ އަހުމަދު ޝާފިއު ނިންމެވީ ބަނގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ އަލަމިން އަދި ނޫރުލް އިސްލާމްގެ މައްޗަށެވެ. މި މައްސަލާގައި ދެން ދައުވާ ލިބުނު އެމްޑީ އަހްތަރު ހުސެއިން ވަނީ ޝަރީއަތް ކުރިއަށް ދަނިކޮށް ޖަލުގައި މަރުވެފައެވެ.


ލުތުފަރު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 22 އެޕްރީލް 2019 ވީ ދުވަހުގެ ރޭ ދަމުންނެވެ. ފުލުހުން ފުރަތަމަ އޭނާ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް، ފަހުން ތަހުގީގުގެ މިސްރާބު ބަދަލުވީ މަރުގެ މައްސަލައަކަށެވެ. ތަހުގީގަށް ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ލުތުފަރު މަރާލާފައިވަނީ ކަރުގައި ހިފައިގެންނެވެ. އޭނާ މަރާލީ ބޯޓުގެ އެހެން ފަޅުވެރިންނާއެކު ޖިންސީ ގުޅުން ހިންގަން މަސައްކަތް ކުރުމުން ކަމަށް ތަހުގީގުގައި ދައުވާލިބޭ މީހުން ބުނެފައިވެއެވެ.


ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ، ކުށް ސާބިތުވުމަށް އޮތް އެންމެ ބޮޑު ގަރީނާއަކީ ތަހުގީގަށް އެމީހުން ދީފައިވާ އިއުތިރާފު ބަޔާންތައް ކަމަށެވެ. އެ ބަޔާންތަކުގައި ލުތުފަރު މަރާލި ގޮތާއި، ހަށިގަނޑު ކަނޑުފެއްތުމަށް އަމަލުކުރި ގޮތް ތަފްސީލުކޮށް ކިޔައިދީ، އެކަން ތަމްސީލުކޮށްދީފައިވާކަން ގާޒީ ފާހަގަކުރެއްވިއެވެ. ފަހުން އެމީހުން އިއުތިރާފުން ރުޖޫއަވި ނަމަވެސް، އެއީ މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ދީފައިވާ ސައްހަ ބަޔާންތަކެއް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.


ލުތުފަރަކީ ރާއްޖޭގައި އުޅުނު މީހެއްކަން އެނގޭނެ ރަސްމީ ލިޔުމެއް ނެތް ކަމަށް ބުނެ ދިފާއުން ސުވާލު އުފެއްދި ނަމަވެސް، އޭނާ ބޯޓުގައި މަސައްކަތް ކުރިކަމާއި ރާއްޖޭގައި އުޅުނުކަން އެހެނިހެން ހެކިތަކުން ސާބިތުވާ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ކަނޑު އަޑިން ފެނުނު ކަށިތަކުގެ ޑީއެންއޭ، ލުތުފަރުގެ އާއިލާގެ މީހުންގެ ޑީއެންއޭއާ ދިމާވާކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.


ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ލުތުފަރު މަރާލުމަށްފަހު ފުރަތަމަ އޭނާ ބޭއްވީ ނިދާ ތަނުގައެވެ. އެއީ މީހަކު ބަލައިފިނަމަ ނިދާފައި އޮތް ކަމަށް ދެއްކުމަށެވެ. އޭގެ ފަހުން، ހަށިގަނޑުގައި ތިން ބަސްތާއާއި 20 ލީޓަރުގެ ކުކިން އޮއިލް ހަން ހަރުކޮށް، ވާ އައްސައިގެން ވަނީ ކަނޑުފައްތާފައެވެ.


މި މައްސަލާގައި ކުށް ސާބިތުވުމާ ގުޅިގެން، ދެން އޮންނާނީ ލުތުފަރުގެ ވާރިސުންގެ ބަސް ހޯދުމާއި އަދަބު ކަނޑައެޅުމުގެ އަޑުއެހުމެވެ. ދައުލަތުން ބުނީ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement