ސަލްޓަން ޕާކުގައި އީ-ސްޕޯރޓްސް އޭރިއާއެއް ޤާއިމްކުރުމަށް ބަޔަކު ހޯދަން އިޢުލާންކޮށްފި
މާލޭގެ ސަލްޓަން ޕާކުގައި އީ-ސްޕޯރޓްސް އޭރިއާއެއް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފައިނޭންސް އިން އިޢުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން މާލީ ވުޒާރާއިން މި ފުރުޞަތު ހުޅުވާލާފައިވަނީ، ސަލްޓަން ޕާކު އިތުރަށް ތަރައްޤީކޮށް ޒުވާނުންނަށް ބޭނުންތެރި ވަސީލަތްތައް ޤާއިމްކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. މި ބީލަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި، "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" ގެ އިތުރުން "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މާލީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޮވުން ކުރިއަށްދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި 36,500 ރުފިޔާ ހުށަހަޅަންޖެހޭއިރު، މީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
މި މަޝްރޫޢަށް ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ. ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގައެވެ.
މާލޭގައި އާއިލާތަކާއި ކުޑަކުދިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް އޮންނަ ސަލްޓަން ޕާކު މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެށީ މިދިޔަ އޮގަސްޓު މަހުގައެވެ. އެގޮތުން ޕާކުގެ ވިއު ސްޓްރަކްޗަރ، ޓްރީހައުސް، އަދި ކުޑަކުދިން ކުޅޭ ސަރަޙައްދުތަކުގެ އިތުރުން، އިށީންނާނެ ބެންޗުތަކާއި ސީސީޓީވީ ކެމެރާތައް ވަނީ މިހާރު ރަނގަޅުކޮށްފައެވެ.
ސަރުކާރުން މިހާރު ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ސަލްޓަން ޕާކުގެ އިތުރުން ރަސްފަންނު ފަދަ މާލޭގެ އެހެން މައިޒާންތައްވެސް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ދަނީ ކުރަމުންނެވެ. މި މަސައްކަތްތަކުގެ މަޤްޞަދަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ އަދި ޒަމާނީ ވަސީލަތްތަކާއެކު މުނިފޫހިފިލުވޭނެ މާޙައުލެއް ޤާއިމްކޮށްދިނުމެވެ.
ރިއެކްޝަންސް





