ސްރީލަންކާގެ ރައީސާއެކު ކުރިއަށްގެންދެވި ރަސްމީ މަޝްވަރާތަކަށްފަހު ރައީސް ނޫސްބަޔާން އިއްވަވައިފި

ސްރީލަންކާގެ ރައީސާއެކު ކުރިއަށްގެންދެވި ރަސްމީ މަޝްވަރާތަކަށްފަހު ރައީސް ނޫސްބަޔާން އިއްވަވައިފި

57 minutes ago - 16:49

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމަށްފަހު ނޫސްބަޔާން އިއްވަވައިފިއެވެ. އެމަނިކުފާނު މި ބަޔާން އިއްވެވީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ އެޤައުމުގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި މިއަދު ހެނދުނުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ފަށްޓަވަމުން، ކޮލަމްބޯގައި ހުންނެވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ޝަރަފެއްކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ވަފުދަށް ވިދާޅުވި ހޫނު މަރުޙަބާއާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މި ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އަވަށްޓެރި ގާތް ގުޅުމަށް އައު ދިރުމެއް ގެނެސްދެއްވުމުގެ ދަތުރުފުޅެއްގެ އިތުރުން، ރާއްޖެއާއި ސްރީލަންކާއާ ދެމެދު، މުސްތަޤުބަލަށް އަމާޒު ހިފާފައިވާ އައު ބަދަހި ގުޅުމެއްގެ ފެށުމެކެވެ.

ރައީސް ޑިސަނާޔަކެއާއެކު ކުރިއަށްގެންދެވި ރަސްމީ ވާހަކަފުޅުތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއްކަން ފާހަގަކުރައްވައި، ދޭދޭ ގުޅުންތަކާއި، ސަރަޙައްދީ އަދި ދުނިޔޭގެ މަސްރަހުގެ މުހިންމު ކަންކަމާ ގުޅޭގޮތުން އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދެއްކެވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަދު ސޮއިކުރެވުނު ފަހުމުނާމާ (އެމް.އޯ.ޔޫ)ތަކާއި އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނު ވިދާޅުވީ މިހާރު އެންމެ މުހިންމު އިސްކަމެއް ދެއްވާނީ މި ކަންކަން ތަންފީޛުކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް އޭގެ ޙަޤީޤީ މަންފާ ހޯދައިދިނުމަށް ކަމަށެވެ.

ދެ ޤައުމުގެ މަޝްވަރާތަކުގެ މައިގަނޑު އަސާސަކީ އިޤްތިޞާދީ އެއްބާރުލުންކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ރައްޔިތުން އަދާކުރާ މުހިންމު ދައުރާއި، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހިއްސާ، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމަށާއި، އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކޮށް، ވިޔަފާރީގެ އައު ފުރުޞަތުތައް ހުޅުވައިދިނުމަށް ދެ ޤައުމުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ކުރިއަށް އޮތް 'މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް' ވެގެންދާނީ ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ގުޅުވައިދޭ މުހިންމު މަންސައަކަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ތަޢުލީމާއި ޒުވާނުން ބާރުވެރިކުރުވުމަކީ ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންތައްތަކެއްކަން ފާހަގަކުރައްވައި، މުސްތަޤުބަލަށް ޒުވާނުން ތައްޔާރުކުރުމަށްޓަކައި މަތީ ތަޢުލީމާއި، ފަންނީ ތަމްރީނާއި، ހުނަރު ތަރައްޤީކުރުމުގެ ދާއިރާއިންނާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން މެނޭޖްކުރުމާއި، ކަނޑުގެ މާޙައުލު ރައްކާތެރިކުރުމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ސަގާފަތާއި، އަދި ހިއްސާކުރާ ތަރިކައިގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ސަގާފީ ހިއްސާކުރުންތަކާއި، ތަޢުލީމީ ދާއިރާގެ ގުޅުންތަކާއި، އިޖުތިމާޢީ ތަރައްޤީގެ މަސައްކަތްތައް މެދުވެރިކޮށް މި އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ރޭވިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކަކީ ދެ ޤައުމަށްވެސް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ މައިދާނުގައި މިކަމަށް ވަރުގަދައަށް ވަކާލާތުކުރުމާއި، ތިމާވެށީގެ ރޮނގުން، ގުޅިފައިވާ މަސައްކަތްތަކެއްކޮށް، މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމް، ރައީސުލްޖުމްހޫރިއްޔާ އައުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމަވާލެއްވީ، މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުމުގެ އައު އަދި ހަލުވި ބާބެއްގެ ފެށުންކަން ފާހަގަކުރައްވަމުންނެވެ. އަދި ދެ ޤައުމުގެ ބަދަހި ގުޅުން އިތުރަށް ފުޅާކުރުމަށާއި، ސަރަޙައްދީ އެއްބާރުލުން ކުރިއެރުވުމަށާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ސުލްޙަވެރިކަމާއި، ހަމަޖެހުމާއި، ހުރިހާ ޤައުމަކަށް ލިބިގެންވާ ތަނަވަސްކަން ކުރިއެރުވުމުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ އަރުވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow