ބ. ގޮއިދޫ – އާދަޔާ ޚިލާފު އެތައްކަމެއް ހިމެނޭ ރަށެއް

ބ. ގޮއިދޫ – އާދަޔާ ޚިލާފު އެތައްކަމެއް ހިމެނޭ ރަށެއް

"ފިރިހެނުންނެކޭ އެއްފަދައިން މިރަށުގެ އަންހެންވެރިވެސް ވަރަށް އެކްޓިވްވާނެ. މަހަށްވެސް ދާނެ. ފަރަށްވެސް އެރޭނެ. އަންހެންކުދިން ފުޓުބޯޅަވެސް ކުޅޭނެ" ގޮއިދޫގެ އިސްރަށްވެއްސަކު ފަޚުރުވެރިކަމާއެކު ބުނެލިއެވެ.

9 months ago - 06:02
Dec 22, 2023 - 11:25

"ފިރިހެނުންނެކޭ އެއްފަދައިން މިރަށުގެ އަންހެންވެރިވެސް ވަރަށް އެކްޓިވްވާނެ. މަހަށްވެސް ދާނެ. ފަރަށްވެސް އެރޭނެ. އަންހެންކުދިން ފުޓުބޯޅަވެސް ކުޅޭނެ" ގޮއިދޫގެ އިސްރަށްވެއްސަކު ފަޚުރުވެރިކަމާއެކު ބުނެލިއެވެ. 

މާލެއިން ފުރައިގެން ސްޕީޑް ލޯންޗްގައި ގާތްގަނޑަކަށް އެއްގަޑިއިރާއި ސާޅީސްފަސްމިނިޓުން ދެވޭ ބ.އަތޮޅު ގޮއިދޫއަކީ ފަޚުރުވެރި ސަޤާފަތެއް ކުރިއަރަމުން އަންނަ މަދު ރަށްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްރަށެވެ. ތަހުޒީބުވަމުން އަންނަ މުޖުތަމަޢުއަކުން ފެންނަންބޭނުންވާ، ދިވެހިވަންތަ އެތައްކަމެއް މިރަށުގެ މުޖުތަމަޢުގެ ތެރެއިން ފާހަގަކުރެވުނެވެ.

އެންމެ ފުރަތަމަ އަޅުގަނޑު ރަށަށް ފޭބުމާއެކު މަރްޙަބާކީ ބޯޅަކިންކިރި މަލުގެ މާފަތިންނާއި ބޯގަންވިލާ މަލުގެ މާބޮނޑިއަކުންނެވެ. ދެން ގެނެސްދިނީ ދޮންޖާފާނު ރުކުގެ ކުރުނބާއެވެ. ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ނިޡާމު އާއި ސްކޫލްގެ ޓީޗަރުންގެ އިތުރުން ޕީ.ޓީ.އޭގެ ކަނބަލުންކޮޅެއްވެސް މަރްޙަބާކިޔަން ނުކުމެ ޖެޓީބުޑުގައި ތިއްބެވެ. 

Advertisement

ރަށުތެރެއަށް އަރައިގެން ދިޔަމަގުމަތިން ފެނުނު ކުޑަކުދިންގެ ސަކަރާތްޖެހުމާއި ހޯބޯލަވަމުން ދިޔަ ކުދިންގެ މިނިވަން ޙަރަކާތްތަކުން ރަށްފުށުގެ ދިރިއުޅުން ކިތަންމެހާވެސް ރަނގަޅަކަށް މިރަށުން ފެންނައެބަހުއްޓެވެ. ހަނދާނަށް އައީ އަޅުގަނޑުގެ ޢުމުރުން ބާރަތޭރައިގެ އަހަރުތައް ގުނަމުންދިޔަ ދުވަސްވަރެވެ. ރަށުތެރެއަށް ރަނގަޅަށް ނަޒަރު ހިންގާލުމުން ވަރަށް އާދަޔާޚިލާފު ކަންތައްތަކެއް އަޅުގަނޑަށް ފާހަގަކުރެވުނެވެ.

ސައިކަލްތަކުގެ ތަޅުދަނޑިހުންނަނީ ޖަހާފައި

ސައިކަލްގައި ކެފޭއަށްގޮސް ތަޅުދަނޑި ނަގަންއުޅުމުން ޕްރިންސިޕަލް ވިދާޅުވީ ތީ މިރަށުމީހުން ކުރާކަމެއް ނޫންކަމަށެވެ. އަޅުގަނޑު ހައިރާންވެހުރެ، "ތަޅުދަނޑި ނުނަގާ ބޭންދިޔަސް އޯކޭ ވާނެހޭ" އަހާލީމެވެ. "ތަޅުދަނޑި ޖަހާފަ ހުއްޓަސް، އިންޖީނު ނިވާނުލައި ހުއްޓަސް ތީގަ އަތްލާނެމީހަކު މިރަށަކުން ނުވާނެ" ޕްރިންސިޕަލް ނިޡާމް ހިނިއައިސްފައިހުރެ ވިދާޅުވިއެވެ.

ތެދެކެވެ. ގޮއިދޫ އެއްވެސްމީހަކު ސައިކަލްގެ ތަޅުދަނޑި ނަގާފައިހުންނާތީއެއް އަޅުގަނޑަކަށް ނުފެނެއެވެ. ރޭގަނޑު ނިދަން ވަންނައިރުވެސް މިކަން އޮންނަނީ ހަމަ މިގޮތަށެވެ. ސައިކަލްތައް ހުންނަނީ ތަޅުދަނޑި ޖަހާފައި މަގުމަތީގައި ބަހައްޓާފައެވެ. ސައިކަލްތައް ކިތަންމެ ދުވަހެއްވަންދެން މިގޮތަށް ބެހެއްޓިޔަސް އެހެންމީހަކުއައިސް މީގެން ސައިކަލަކަށް ނާރާނެއެވެ. ވަރަށް ގާތްމީހަކުނަމަ ފޯނުކޮށްލާފަ ބުނެފަ، ސައިކަލުގައި ތަނަކަށްދިޔަޔަސް، އެބޭނުމެއް ނިމުން ސައިކަލް ހުރިތަނުގައި ބަހައްޓާފައި ހިނގައިދާނެއެވެ. 

ކުޅިވަރުތަކުގައި ދެޖިންސު ހަމަހަމަ

ހަވީރުގަޑީގައި ރަށުތެރޭގައި ބުރެއްޖަހާލަން ނުކުތީ އާދަޔާޚިލާފު އެތައް ކަމެއް ފެނިދާނެކަމުގެ އުންމީދުގައެވެ. ކަންވީވެސް ހަމަ ހީކުރިގޮތަށެވެ. ނަމަވެސް ފުރަތަމަ ފެނުނީވެސް ހީކުރިވަރަށްވުރެވެސް އާދަޔާ ޚިލާފު ކަމެކެވެ. ގްރޭޑް 2، 3 ގެ ކުދިންވެސް ބ. ގޮއިދޫ ސްކޭޓް ޕާރކްގައި، ސްކޭޓް ބޯޑުތަކުގެ މަތީގައި "ޗަރުކޭސް" ކުޅެނީއެވެ. އެންމެ އަޖާއިބުވީ ފިރިހެންކުދިންނެކޭ އެއްވަރަކަށް މިކަމުގައި އަންހެންކުދިންވެސް ކުޅަދާނަވެފައި ހަލުވިކަމުންނެވެ. ބޯޑުތަކުގެ މަތީގައި ތުއްތު ތުއްތު އަންހެންކުދިން، އެކުދިން ބޭނުން ކޮންމެ ޖާދުލެއް ދައްކާލާތީއެވެ.

އަޅުގަނޑަށް ހުރެވުނީ ހަމަ ބުނާނެއެއްޗެއް ނޭނގި ތަލިން ކުޅު ހިކިފައެވެ. ރަށުގެ ބަނދަރުގެ އިރުމަތީ ފަރާތުން އަތިރިމަތީގައި ފައްކާކޮށްފައިވާ ސްކޭޓް ޕާރކަކީ އެންމެ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ސްކޭޓް ޕާރކެއްކަން ފާހަގަކުރަމެވެ.

"ސްކޫލުގައި މިހާރުވެސް ދިހަވަރަކަށް ސްކޭޓް ބޯޑް ހުންނާނެ. ދަސްކުރަންބޭނުންވާ ކުދިން ބޯޑު ހިފައިގެން އައިސް ދަސްކުރަންވީ. މިރަށުގެ ކުދިން ވަރަށް ޅަޢުމުރުގައި ސްކޭޓްކުރަން ފަށާނެ. ދެތިންދުވަހެއްގެ ތެރޭގައި ބޯޑުމަތީގައި ފަރިތަކަމާއެކު ދުއްވަން ފަށާނެ. މިކަމުގައި ބެލެނިވެރިންގެ އެހީތެރިކަން ވަރަށްބޮޑަށް އެކުދިންނަށް ލިބޭ" ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ނިޡާމު ވިދާޅުވިއެވެ.

އަނހެންކުދިން ކުޅަދާނައީ ހަމައެކަނި ސްކޭޓްކުރާކަށްނޫނެވެ. ފުޓްބޯޅަ ދަނޑުގައި ބޯޅަކުޅެންވެސް އަންހެންކުދިން ވަކިން ދެރައެއްނޫނެވެ. ފިރިހެންކުދިން ފަދައިން ގޯލްބަހައްޓައިގެން ދަނޑުގައި ފުޓްސެލްވެސް ކުޅެއެވެ. ވޮލީކުޅުމުގައިވެސް ފިރިހެނުންނެކޭ ތަފާތެއްނެތެވެ. އަންހެނުންގެ ފެންވަރުގައި މިކުދިން ފިސާރި ކުޅަދާނައެވެ. 

މަސްވެރިކަމަށް ޢާއިލާ އެކުގައި

ރޭގަނޑުގެ ވަގުތުގައި ބަނދަރަށް ނުކުމެލީ ކޮފީއެއް ބޯލައިގެން ހަމަޖެހިލުމުގެ ނިޔަތުގައެވެ. ބަނދަރަށް ނުކުމެވުނުއިރު ކަމަކުދާކަށް ނެތެވެ. ބަނދަރުގެ ވާޓަރުމަތީގައި ފަސްވަރަކަށް މީހުން ދޮށިހިފައިގެން ކޮރަކަލި ބާނަން ތިއްބެވެ. އެތަނުގައި ގިނައީ އަންހެނުންނެވެ. ބ.ގޮއިދޫގައި އަންހެނުންވެސް މަސްވެރިކަމުގައި ކުޅަދާނައެވެ. ޑިންގީ ފަހަރުގައި ހެނދުނާއި ހަވީރުގެ އިތުރުން ރޭގަނޑު ނައިޓް ފިޝިންގއަށްދާ މީހުންގެ ތެރޭގައި ފިރިހެނުންނެކޭ އެއްވަރަށް އަންހެނުންވެސް ދެއެވެ. ގިނަ ފަހަރު މަހަށްދަނީ ދެމަފިރިންނާއި ދަރިންކޮޅެވެ. އެހެންގޮތަކަށް ދަންނަވާނަމަ ޢާއިލީ މަސްދަތުރެވެ. ޢައިލާގެ މީހުން އެކުގައި މަޖާ މަސްވެރިކަމުގެ ވަގުތުކޮޅެއް ހޭދަކޮށްލުމުގައެވެ.

މިފަދަ ދަތުރުތަކުގައި ކަންނެއްޔާއި ކުރުމަސް، ހިބަރު، މާނިޔަމަސް ފަދަ އެތައްވައްތަރެއްގެ މަސް މިބައިމީހުން ބާނައެވެ. ކުރީޒަމާނާ ޚިލާފަށް މިހާރުގެ އަންހެންވެރިން މަސްވެރިކަމަށްދަނީ ޒަމާނީ ދޮށިތައް ހިފައިގެންނެވެ.

ކުރީޒަމާނުގައި ކުށްވެރިން ގިނަރަށެއް

އަށްޑިހައިގެ އަހަރުތަކާއި ނުވަދިހައިގެ އަހަރުތަކުގައި ބ.ގޮއިދޫއަކީ ވައްކަންކުރާ މީހުންނާއި ޖިނާޢީ ބައެއްކުށްތައްކުރާ ކުށްވެރިން އަރުވާލުމަށް ސަރުކާރުން ޚާއްޞަކޮށްފައިވާ މަދު ރަށްތަކުގެ ތެރެއިން އެއްރަށެވެ. ރަށުގެ މުސްކުޅިވެރިން ބުނާގޮތުން މިރަށުގައި ރަށުގެ އަސްލު އާބާދީއަށްވުރެ އަރުވާލިމީހުން ގިނައެވެ. އެހެންވެ މިރަށުގައި ރަސްކަން ކުރަމުންދިޔައީ ރަށަށް އަރުވާލާފައިތިބޭ ކުށްވެރިންނެވެ. އެމީހުން އުޅެނީ އުޅޭނެ ގޮތަކަށެވެ. ކުރަނީ ކުރާނެކަމެވެ. މިރަށަށް އަރުވާލަނީ ހަމައެކަނި ފިރިހެނުންނެވެ. އަންހެނުން އަރުވާލަނީ ޖެހިގެން އޮންނަ ފެހެންދޫއަށެވެ. އެރަށަށް އަރުވާލަނީ ހަމައެކަނި އަންހެނުންނެވެ. އެރަށަށް ފިރިހެނަކު އަރުވައެއް ނުލާނެއެވެ. ފެހެންދޫގެ ހުޅަނގަށް އޮންނަ ފުޅަދޫއަކީ މާރާމާރީ ފަދަ ބޮޑެތިކުށްތައް ކުރާ މީހުން އަރުވާލުމަށް ޚާއްޞަ ރަށެކެވެ. ގޮއިދޫއާއި ފެހެންދޫއާއި ފޫޅަދޫއަކީ (ގޮއިފުޅަ ފެހެންދޫއަކީ) އެއްފަޅުތެރޭގައި އޮންނަ (އެއްރަށުން އަނެއްރަށަށް ހިކިދިޔައިގާ ހިނގާފައިދެވޭ) ތިންރަށެވެ. އެހެންވުމުގެ ސަބަބުން އެދުވަސްވަރު މިއިން އެއްވެސް ރަށަކަށް ޙަޤީޤަތުގައި އަމާންކަމެއް ނެތެވެ. އެންމެންވެސް ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ކިޔެވުމާއި ކުޅިވަރު އެކުގައި

ބ.ގޮއިދޫ ސްކޫލަކީ އެއްއަހަރުން އަނެއް އަހަރަށް ތަޢުލީމީގޮތުންވެސް ނަތީޖާ ރަނގަޅުކުރަމުން އަންނަ ސްކޫލެއްކަން އަޅުގަނޑަށްވެސް ފާހަގަކުރެވެއެވެ. ސަބަބުތައް ބައިވަރެވެ. ދިވެހިރާއްޖޭގެ އެހެން ސްކޫލްތަކާ ޚިލާފަށް މިސްކޫލަކީ، ސްކޫލްގެ ޕްރިންސިޕަލްއާއި ދަރިވަރުންގެ މެދުގައި ވަރަށްގާތް ގުޅުމެއް އުފެދިފައިވާ ސްކޫލެއްކަން ފާހަގަވިއެވެ. ސްކޫލްގެ ހުރިހާ މުވައްޒަފުންވެސް އުޅެނީ އެއްޢާއިލާއެއް ފަދައިންނެވެ. ބެލެނިވެރިންވެސް މިއީ ލާމަސީލު ނަމޫނާއެކެވެ. ސްކޫލުން ކޮންމެ ކަމެއް ބުނެލިޔަސް ބެލެނިވެރިން ތިބެނީ ތައްޔާރަށެވެ. މެނޭޖްމެންޓް، ޓީޗަރުން އަދި ބެލެނިވެރިންގެ ޓީމު ފެންނަނީ އެއްޓީމެއްގެ ގޮތުގައެވެ. މިތަނުން ބެލެނިވެރިއެއް ޓީޗަރެއް ވަކިކުރާކަށް ނޭނގެއެވެ. ފެންނަނީ އެއްބައެއްގެ ގޮތުގައެވެ.

ރަސްމީ ގަޑިތަކާއި އެކްސްޓްރާ ކްލާސްތައް ރާވާފައިވަނީ ޓީޗަރުންނާއި ބެލެނިވެރިންނަށްވެސް ފަސޭހަވާނެ އުޞޫލުތަކުގެ މަތިންނެވެ. އިރުއިރުކޮޅާ ސްކޫލްދޮށަށް ކުދިންބަލައި ދިއުމުގެ ބަދަލުގައި ސެޝަންއާއި އެކްސްޓަރާ ގަޑިތައްނަގަނީ ގުޅުވާލައިގެންނެވެ. ހަވީރުގަޑި އޮންނަނީ ކުޅޭގަނޑިއެއްގެ ގޮތުގައި ހުސްކޮށްދީފައެވެ. ކުދިން އަމިއްލައަށް ކިޔެވުމަށް (ސެލްފް ސްޓަޑީ ކުރުމަށް) ވަގުތު ހުސްކޮށްދީފައި އޮވެއެވެ. ސްކޫލުގައި ރަނގަޅު ނަތީޖާނެރުމަށް މިއީ ވަރަށް މުހިންމު ކަމެކެވެ.

ދަންނަވަންތޯއެވެ. ރަށްރަށުގައި ހުރި މިފަދަ ރަނގަޅު މިސާލުތަކުން މިސާލުނަގައިގެން އަޅުގަނޑުމެންގެ މިދިވެހި މުޖުތަމަޢު ކުރިއެރުވުމަށް މަސައްކަތްކުރުން މުހިންމުކަމަށް އަޅުގަނޑު ދެކެމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow