ޝަހީމްގެ ތުހުމަތެއް: ރުހުން ނުދިނީ ވަގުކޯޓާ ވިއްކާ ޙައްޖު ގްރޫޕުތައް ހުއްޓުވުމުން
ރުހުން ނުދިނީ ވަގު ކޯޓާ ވިއްކާ ހައްޖު ގުރޫޕުތަށް ހުއްޓުވުމުން ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ.ޝަހީމް ތުހުމަތު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނީ ވަގު ކޯޓާ ވިއްކާ ހައްޖު ގުރޫޕުތަށް ހުއްޓުވުމުން ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ.ޝަހީމް ތުހުމަތު ކުރައްވައިފިއެވެ.
ނިއުސްއަށް މައުލުމާތު ދެއްވަމުން ޝަހީމް ވިދާޅުވީ ރުހުން ނުދޭން ނިންމި މަޖިލިސް މެންބަރުންގެ އާއިލާ މީހުންގެ ތެރޭގައި ހައްޖު ގުރޫޕުތައް ހިންގާ މީހުން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްއަށް ނިސްބަތްވާ އީވާ އަބްދުﷲ ހިމެނޭކަމަށް ޝަހީމް ވިދާޅުވިއެވެ.
"އީވާގެ އާއިލާ ގެ ހައްޖު ގުރޫޕެއް އޮވޭ. ހިޔަލީގެ ހައްޖު ގުރޫޕެއް އޮވޭ، އޭނަގެ ދަރި ހުންނަނީ އެމްޑީޕީ ޕީޖީގައި. މި ދެބައި މީހުން ޒަމާންތަކެއްވަންދެން ހިންގަމުން ދިޔަ ޖަރީމާތައް ހުއްޓުނީމަ އެކަމުގެ ރުޅި މި ބާލަނީ،" ޝަހީމް ވިދާޅުވިއެވެ.
ހައްޖަށް ގެންދިއުމަށް މިހާރު ލިބޭ އެއް ހާސް ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަންއަށް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވާފައިވާއިރު، އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަންއާ ދެމެދު ވަނީ ސޮއި ކޮށްފައެވެ.
އީވާގެ އާއިލާގެ ހައްޖު ގްރޫޕު ކަމުގައި ޝަހީމް ސިފަކުރި ހައްޖު ގުރޫޕަކީ، އީވާގެ ފިރިމީހާގެ ބައްޕަގެ ހައްޖު ގުރޫޕެއް ކަމަށްވާ ސިސިލްފަރު ހައްޖު ގުރޫޕެވެ.
ޝަހީމް އިތުރަށް ތުހުމަތު ކުރައްވާ ހިޔަލީއަކީ މީގެ ކުރިން 15 އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. އަދި އޭނާ އަކީ ސަރުކާރަށް ވެސް 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ މީހެކެވެ. މީގެ އިތުރުން، ސްޕޯޓްސް ކައުންސިލުގެ ރައީސެއްގެ މަގާމުގެ އިތުރުން އޭނާ ވަނީ އެފްއޭއެމްގެ ނައިބު ރައީސްކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.
ދާދި ފަހުން، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ވޯޓާއެކުވަނީ ރައީސް އައްޔަނު ކުރެއްވި ތިން ވަޒީރުންނަށް ރުހުން ނުދޭން ފާސްކޮށްފައެވެ. އޭގެ ތެރޭގައި ޝަހީމް ވެސް ހިމެނިވަޑައިގަންނަވައެވެ.
އެހެން ނަމަވެސް ފަހުން ރައީސް ވަނީ އެ ތިން ވަޒީރުން ވެސް މަގާމަށް އައްޔަނުކުރައްވައިފައެވެ.
ރިއެކްޝަންސް