
އަންނަ އަހަރުންފެށިގެން ރަމަޟާން މަސް އެއްކޮށް ސްކޫލްތައް ބަންދުކުރަނީ
އަންނަ އަހަރުންފެށިގެން ރަމަޟާން މަސް އެއްކޮށް ސްކޫލްތައް ބަންދުކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން މުޅި ރަމަޟާން މަސް އެއްކޮށް ދަރިވަރުންނަށް ބަންދު ކުރުމަށް އެޑިޔުކޭޝަން މިނިސްޓަރ އަށް ދަންނަވާފައިވާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މި ނިންމުމަކީ ގިނަ ބެލެނިވެރިންގެ ފަރާތުން ލިބުނު އެދެވޭ ޚިޔާލުތަކަށް ރިޢާޔަތްކޮށް ނިންމެވި ނިންމުމެއް ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި ބަދަލާއެކު ދަރިވަރުންނާއި ބެލެނިވެރިންނަށް ރަމަޟާން މަހުގެ އަޅުކަންތަކުގައި އިތުރު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި މި ބަދަލު ގެނައުމުގައި ކިޔަވައިދޭ ދުވަސްތަކަށް އަސަރު ނުކުރާނެ ގޮތަށް އެކަޑަމިކް ކަލަންޑަރު ބައްޓަންކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުކުރުމުން ރޭގަނޑު އަޅުކަމުގައި މިސްކިތުގައި ގިނަ ވަގުތު ހޭދަކުރުމަށް ފުރުޞަތު ލިބިގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާ އިރު މިއަހަރުގެ ސްކޫލުތަކުގެ ބޮޑު ޗުއްޓީވެސް މިވަނީ ރަމަޟާން މަހާއި ދިމާވެފައެވެ. އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ ސައްވާލުމަހުގެ ހަރޯދައަށް ފަހު އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.
ރިއެކްޝަންސް






