
ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް އިތުރު 9 މަރުކަޒެއްގެ މަސައްކަތް 3 ކުންފުންޏަކާއި ހަވާލުކޮށްފި
ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން އިތުރު އަށް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށް ތިން ކުންފުންޏަކާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އެމަރުކަޒުތައް އަޅަން ހަވާލުކުރެއްވީ އެމްޓީސީސީ، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކުންފުނިތަކުގެ އެންމެ އިސްވެރިންނެވެ. އަދި ފުލުހުންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.
މި އެއްބަސްވުމާއެކު، މުޅި މަޝްރޫޢުގެ ދަށުން ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރެވިގެންދާނެކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން 21 ރަށެއްގައި، އާރުޑީސީއިން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށާއި، މި މަރުކަޒުތަކުގެ ތެރޭގައި ސަރަހައްދީ އަދި އަތޮޅު ފެންވަރުގެ މަރުކަޒުތަކާއި، ޕޮލިސް ސްޓޭޝަންތަކާއި ޕޯސްޓުތައް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






