
ގާތްގާތުގައި ދެބިލް ފޮނުވީ ކަސްޓަމަރުންގެ ފައިދާއަށް- ސްޓެލްކޯ
ގާތްގާތުގައި ދެބިލް ފޮނުވީ ކަސްޓަމަރުންގެ ފައިދާއަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ މިފަދައިން ވިދާޅުވީ ގާތްގާތުގައި ދެބިލެއް ފޮނުވުމުން ސޯޝަލް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް ބައެއް ފަރާތްތަކުން ފާޑުކިއުން އަމާޒުކުރަމުންދާތީ އެކަން ސާފްކޮށްދެއްވަމުންނެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ހިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއް ކަމަށާއި, ސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ. ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި އޮތް ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
" އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކަށް ނިންމި ނިންމުމެއް. އަދި އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއްވެސް ނޫން. ބިލްތަކުގެ ރީޑިންގ ނެގި ތާރީހުތައް ބިލުން ފެންނަން ހުންނާނެ." ފަހުމީ ވިދާޅުވިއެވެ.
ފަހުން ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިންގ ސައިކަލްގައި ހިމެނޭ ރީޑިންގ ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވި ބިލެއް ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް އެ ބިލް ދެއްކުމަށް 30 ދުވަހުގެ މުހުލަތެއްވެސް ދީފައިވާ ކަމަށް ވިދާޅުވިއެވެ.
އެ ބިލް ފޮނުވުމުގެ މަގުސަދު ތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. މީގެ ކުރިން ބެކްލޮގާއި އެކު އެ ބިލް ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް ކަމަށާއި, އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަކީ ދެވަނަ ބިލެއް ގާގްގާތުގައި ފޮނުވަން ޖެހުނު އެއް ސަބަބު ކަމަށް ފަހުމީ ވިދާޅުވިއެވެ.
ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެމަހެއްގެ ފަހު ހަފްތާގައި ރީޑިންގ ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑިލިވަރ ކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިންގ އާއި މީޓަރާއި އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ ކަމަށްވެސް މެނޭޖިންގ ޑިރެކްޓަރ ފަހުމީ ވިދާޅުވިއެވެ.
ރިއެކްޝަންސް






