
އަލް-ޙިލާލްގެ އެއްބަސްވުން ނިމުމަކަށް ގެނައުމާއެކު ނޭމާ އެނބުރި ސަންތޯސްއަށް
ސައުދީ ޕްރޯލީގުގެ ކްލަބް އަލް-ޙިލާލްއާއެކު ނޭމާ ހަދާފައިވާ އެއްބަސްވުން ނިމުމަކަށްގެނެސްފައިވާކަން ހޯމަ ދުވަހު އަލް-ޙިލާލް އިން ހާމަކޮށްފިއެވެ. އެއްބަސްވުން ނިމުމަކަށް އައުމާއެކު ނޭމާ އަލުން ބްރެޒިލްގެ ކްލަބް ސަންތޯސްއާ ގުޅޭނެ ކަމަށް ރިޕޯޓްތައްވަނީ ބުނެފައެވެ.
އަލް-ޙިލާލް ގެ ރަސްމީ މީސްމީޑިއާ އެކަންޓްތަކުން ހާމަކޮށްފައިވާ ގޮތުގައި އެއްބަސްވުން ބާތިލްކުރީ ދެފަރާތް އެއްބަސްވެގެންނެވެ. އަދި ކްލަބުން ނޭމާގެ ކުރިމަގަށް ކާމިޔާބީއަށް އެދޭކަމަށްވެސް ބުނެފައި ވެއެވެ.
"މުސްތަޤުބަލުގައި އޭނާ ބޮޑަށް ފެންނާނެކަމަށް ބެލެވެނީ އަމިއްލަ ޤައުމު ބްރެޒިލް އިން" މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެންގައި ބުނެގައި ވެއެވެ. ބެލެވޭގޮތުގައި ނޭމާ ފުރަތަމަ ސަންތޯސްއާއެކު ސޮއިކުރާނީ ހަ މަސްދުވަހުގެ އެއްބަސްވުމެއްގައެވެ. އަދި އިތުރު އެއް އަހަރަށް އެއްބަސްވުން އާކުރުމުގެ ފުރުޞަތާއެކުއެވެ. ސަންތޯސް އަކީ ނޭމާގެ ފުޓްބޯޅައިގެ ހަޔާތް ޒުވާން އުމުރުގައި ފެށިގެން އައި ކްލަބެވެ.
އީއެސްޕީންއެން އިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ސަންތޯސް އާއެކު ސޮއިކޮށް ބުރާސްފަތި ނޫނީ އާދިއްތަ ދުވަހު އޭނާ ސަންތޯސްގެ ކުޅުންތެރިއެއްގެ ގޮތުގައި ތަޢާރަފްކުރާނެއެވެ.
2023 ވަނަ އަހަރު ނޭމާ އަލް ޙިލާލްއަށް ބަދަލުވީ ޖުމްލަ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބޯނަހާއި މުސާރަ އާއެކު 400 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުންނެވެ. އެއްބަސްވުން އަންނަ ހޫނު މޫސުމާ ހަމައަށް ބާކީ އޮތްއިރު އަނިޔާގެ މައްސަލަތަކާހެދި ނޭމާއަށް ކްލަބަށް އެކަށީގެންވާ ވަގުތު ދެވިފައެއް ނުވެއެވެ. އަލް ޙިލާލް އަށް ނޭމާއަށް ކުޅެވިފައިވާ ހަތް މެޗުގައި ކާމިޔާބުކުރެވިފައިވަނީ އެންމެ ގޯލެކެވެ. ކްލަބް ދޫކޮށްލުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ނޭމާ އަލް ޙިލާލް ދޫކޮށްލާނީ މުސާރައިގެ ގޮތުގައި ލިބޭ ބޮޑުބައެއް ދޫކޮށްލާ ގޮތަށެވެ. އެއީ 25 މިލިއަނާ 65 މިލިއަން ޑޮލަރުގެ އަދަދެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
32 އަހަރުގެ ނޭމާ ހިލާލް އާ ގުޅުމުގެ ފަހުން ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ އޭސީއެލް ސާޖަރިއެއް ހަދާފައެވެ. އެނބުރި ކުޅުމުގެ ތެރެއަށް އައީ ފާއިތުވި އޮކްޓޯބަރު މަހުއެވެ. އެހެންނަމަވެސް ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއެކު ނޭމާއާއެކު ނުކުޅެވި ޖެނުއަރީ މަހު އަލް ޙިލާލް ގެ ކޯޗު ހޯގް ޖީސަސް ވަނީ ނޭމާއަށް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުޞަތު އޮތްކަމަށް ބުނެފައެވެ.
2013 ން 2017 އަށް ބާސެލޯނާ އާއެކު ދެފަހަރު ލަލީގާ, އެއް ޗެމްޕިއަންސް ލީގު އަދި ތިން ކޮޕަރ ޑެލް ރޭ ނޭމާ ވަނީ ކާމިޔާބުކޮށްފައެވެ.2017ގައި ޕީއެސްޖީއަށް ބަދަލުވެ ވަނީ އެޓީމަށް ތިން ފްރެންޗް ކަޕް އަދި ދެ ފްރެންޗް ލީގު ކަޕް ކާމިޔާބުކޮށްދީފައެވެ. ނޭމާ އެނބުރި ސަންތޯސް އަށް މި ބަދަލުވަނީ 12 އަހަރު ފަހުންނެވެ. މީގެ ކުރިން ސަންތޯސް އަށް ކުޅުނުއިރު އެޓީމަށް 225 މެޗުން 136 ގޯލް ނޭމާ ކާމިޔާބުކޮށްދީފައި ވެއެވެ.
ރިއެކްޝަންސް






