ކުޅުންތެރިންނަށް ފަރުވާދޭ ޚާއްސަ ފެސިލިޓީ އިފްތިތާޙް ކޮށްފި
ކުޅުންތެރިންނަށް ފަރުވާ ދިނުމަށް ޤާއިމުކުރި މިނިމަމް މެޑިކަލް ރިކުއަރމަންޓްސް ފެސިލިޓީ
ކުޅުންތެރީންނަށް ފަރުވާ ދިނުމަށް ޤާއިމުކުރި މިނިމަމް މެޑިކަލް ރިކުއަރމަންޓްސް ފެސިލިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.
ރައީސް މުޢިއްޒު އެތަން އިފްތިތާޙް ކޮށްދެއްވީ މިރޭ ސޯޝަލް ސެންޓަރުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ މެޑިކަލް ރޫމް، ދަށްވެގެން ވަކި ޞިއްޙީ މިންގަނޑެއްގައި ޤާއިމުކޮށްފައި ހުންނަންޖެހެއެވެ.
މިއީ ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމްކުރާ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ވަޞީލަތްތައް ޤާއިމުކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ކުޅުންތެރިއަކަށް ނުވަތަ އޮފިޝަލަކަށް ނުވަތަ ބެލުންތެރިއަކަށް ޞިއްޙީ ފުރަތަމަ އެހީ ދޭންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެހީތެރިވެދޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުމުގެ ގޮތުން ގާއިމް ކުރާ ފެސިލިޓީއެއް ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަވަސްފަރުވާ ދިނުމާއި ވީ އެންމެ އަވަސް ފުރުޞަތެއްގައި ރައްކާތެރިކަމާއެކު ޞިއްޙީ ފަރުވާދޭ ހޮސްޕިޓަލަކަށް ނުވަތަ އިމަރޖެންސީ ފަރުވާދޭ ތަނަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުމަކީވެސް މި ފެސިލިޓީ ގާއިމްކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ އެ ފެސިލިޓީއަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 ގައި ހިމެނޭ ވައުދެއް ކަމަށެވެ.
މީގެ އިތުރުން މިއީ ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމް ހިދުމަތްތައް އެކުލަވާލުމުގެ މަސައްކަތް ފެށުމުގެ ވައުދު ފުއްދުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިމަމް މެޑިކަލް ރިކުއަރމަންޓްސް ފެސިލިޓީ އިފްތިތާޙް ކުރެއްވުމަށްފަހު އެތަން ބައްލަވާލައްވާފއެވެ.
މީގެ އިތުރުން ސޯޝަލް ސެންޓަރުގައި ފަށާ މިއަހަރުގެ ބާސްކެޓްބޯލް ސީޒަން ހުޅުވުމުގެ ގޮތުން ބޭއްވި އެގްޒިބިޝަން ބާސްކެޓްބޯލް މެޗެއް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
ރިއެކްޝަންސް