
ބޭއިންސާފް ކަމެއް ކުރަން ހަދިޔާއެއް ނުވަތަ ސައެއްގެ ނަމުގައި ދިންނަމަވެސް ވާނީ ރިޝްވަތަށް- ޚުޠުބާ
ދައުލަތުގެ މުދަލަށް ޚިޔާނަތްތެރިވުމުގެ ތެރޭގައި ރިޝްވަތު ނެގުންވޭ
މީހުން މަޅީގައި ޖެއްސުމަށާއި ބޭއިންސާފުން ކަންތައްތައް ކުރުވުމަށް ހަދިޔާއެއް ނުވަތަ ސައެއްގެ ނަމުގައި ދިންނަމަވެސް ވާނީ ރިޝްވަތަށް ކަމަށާއި, އާޚިރަތުގެ ޢުޤޫބާތުން ސަލާމަތް ނުވެވޭނެ ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.
ބާޠިލް ގޮތުގައި މުދާކެއުމުގެ މައްޗަށް ޚާއްޞަކުރި ޚުޠުބާގައި ބުނެފައިވަނީ ދައުލަތުގެ މުދަލަށް ޚިޔާނަތްތެރިވުމުގެ ތެރޭގައި ރިޝްވަތު ނެގުންވާ ކަމަށެވެ. ރިޝްވަތަކީ ވަރަށް ނުބައި ބައްޔެއް ކަމަށާއި, އެއީ ކަންކަން ފާސިދުކުރާ ވަބާއެއްކަން ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ.
" އެއީ ޙައްޤު ބާޠިލަށް ހަދައި، އަދި ބާޠިލު ޙައްޤުކަމަށް ފުރޮޅައިލާ އާލަތެކެވެ. " ޚުޠުބާގައި ބުނެފައި ވެއެވެ.
ރިޝްވަތަކީ ވަރަށް ތަފާތު ނަންނަމުގައި ވަރަށް ގިނަ ސިފަސިފައިގައި، މީހުން މަޅީގައި ޖެއްސުމަށާއި ބޭއިންސާފުން ކަންތައްތައް ކުރުވުމަށް ބޭނުންކުރާ ތޫނު ހަތިޔާރެއްކަން ފާހަގަކޮށް, ޚުޠޫބާގައި ބުނެފައިވަނީ ހަދިޔާއެއް ނުވަތަ ސައެއް ނުވަތަ އެހެން ނަމެއްގައި ދިން ނަމަވެސް އެ ވާނީ ރިޝްވަތަށް ކަމަށެވެ.
" ދުނިޔެމަތީގައި އެކަމުގެ ޢުޤޫބާތުން ސަލާމަތްވި ނަމަވެސް އާޚިރަތުގެ ޢުޤޫބާތުން އެމީހާ ސަލާމަތެއްނުވާނެކަން ކަށަވަރެވެ." ޚުޠުބާގައި ބުނެފައި ވެއެވެ.
ޚުޠުބާގައި ބުނެފައިވަނީ ބާޠިލު ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ތިމާ ކުރަންޖެހޭ މަސައްކަތް ރަނގަޅަށް ނުކުރުމާއި މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރުކުރުން ވާކަމަށެވެ. ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކުރުމަކީ އަޅާގެ އީމާންކަން ފުރިހަމަކަމުގެ ޢަލާމާތެއް ކަމަށާއި, އެފަދަ މީހަކު ނަމަ އޮފީހަށް ގޮސް އެ ތާނގެ މަސައްކަތާ ނުގުޅޭ ކަންކަމުގައި އޭނާ މަޝްޣޫލުވެ ނޫޅޭނެކަން ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ.
ބާޠިލު ގޮތުގައި ދައުލަތުގެ މުދާ ކެއުމުގެ ތެރޭގައި ފައިސާއާއި ތަކެތި ބަލަހައްޓާ މުވައްޒަފުގެ އަތުގައި ހުންނަ ފައިސާއާއި ތަކެތީގައި ޖެހުން ހިމެނޭކަންވެސް ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ.
" މިއީ ޙަރާމް ކަމެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
ރިއެކްޝަންސް






