ޕާޓީގެ އެތެރޭގެ ކޯޅުން ބޮޑުވެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ޓްރޫޑޯ އިއުލާންކުރައްވައިފި
ކެނަޑާގެ ބޮޑުވަޒީރުގެ ގޮތުގައި ނުވަ އަހަރު ހުންނެވުމަށް ފަހު, މަޤާމުން އިސްތިއުފާދެއްވަން ނިންމެވިކަން ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިއުލާން ކުރައްވައިފިއެވެ. އޮޓާވާގައި ނޫސްވެރިންގެ ކުރިމަތީގައި ދެއްވި ތަޤުރީރުގައި ޓްރޫޑޯ މިހެން ވިދާޅުވިއިރު ޑިސެމްބަރު މަހުން ފެށިގެން ޕާޓީން ދަނީ އޭނާ އިސްތިއުފާދިނުމަށް ފިއްތުއްތައް ކުރިމަތި ކުރަމުންނެވެ.
ކެނަޑާގެ ލިބަރަލް ޕާޓީގެ ހުންގާނުގައި ޓްރޫޑޯ ހިއްޕެވީ 2013 ވަނަ އަހަރުއެވެ. ޓްރޫޑޯއަކީ ކެނަޑާގެ އެންމެ މަޤުބޫލު ބޮޑުވަޒީރު ޕިއޭ އެލިއެޓް ޓްރޫޑޯގެ ދަރިފުޅެވެ. 2015 ވަނަ އަހަރު ކެނަޑާގެ އާންމު އިންތިހާބު ކާމިޔާބު ކުރައްވާ ބޮޑުވަޒީރު ކަމަށް ވަޑާއިގެންނެވި ޓްރޫޑޯ ބޮޑުވަޒީރުކަމުގައި މިހާރު ގުނަމުން ދަނީ އޭނާގެ ދެވަނަ ދައުރެވެ.
ހޯމާ ދުވަހު ޓްރޫޑޯ ވަނީ ލިބަރަލް ޕާޓީގެ ލީޑަރު ކަމުންނާއި ބޮޑުވަޒިރުކަމުންވެސް އިސްތިއުފާދެއްވަން ނިންމެވިކަން އިއުލާނު ކުރައްވާފައެވެ. މިއާއެކު ޕާޓިން އާ ލީޑަރެއް ކަނޑައަޅަންދެން ބޮޑުވަޒީރު ކަމުގައި ދެމިހުންނަވާނޭ ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު ގަސްތުކުރަނީ ޕާޓީން އާ ލީޑަރަކު ކަނޑައެޅުމުން ބޮޑުވަޒީރުކަމުން އިސްތިއުފާދޭން. އަޅުގަނޑު މިހާރު ދަންނަވާފަ ވާނީ ޕާޓީގެ ރައީސަށްވެސް އެ ޕްރޮސެސް ކުރިއަށް ގެންގޮސްދެއްވަން" ގެކޮޅު ކުރިމަތީ ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ޓްރޫޑޯ ވިދާޅުވިއެވެ.
ފާއިތުވި އަހަރުގެ ފަހުކޮޅުންފެށިގެން ޓްރޫޑޯ އާއި ޕާޓީގެ މަޖިލިސް މެމްބަރުންގެ މެދުގައި މުހިއްމު ކަންކަމުގައި ހިޔާލުތަފާތު ވެފައިވާއިރު އޭނާގެ ވަރަށް އަރިސް ބޭފުޅުންވެސް ޑިސެމްބަރު މަހު ވަނީ ޓްރޫޑޯގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަދި ޓްރޫޑޯ ގެ ކެބިނެޓުން ބައެއް ވަޒީރުންވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ޑިސެމްބަރު 16 ވަނަ ދުވަހު ފިނޭންސް މިނިސްޓަރުގެ އިސްތިއުފާގައި ބޮޑުވަޒީރު ޓްރޫޑޯގެ އިޤްތިސާދި ސިޔާސަތުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ކެނަޑާގެ އާންމު އިންތިހާބު އަންނަ އޮކްޓޯބަރު މަހުގައި ބާއްވާއިރު ޕާޓީގެ ލީޑަރޝިފުން އިސްތިއުފާ ދެއްވަމުން ޓްރޫޑޯ ވިދާޅުވެފައި ވަނީ ކުރިއަށް އޮތް އިންތިހާބުގައި އޭނާއަކީ ޕާޓީގެ ފަރާތުން ވާދަކުރަން އެންމެ ރަނގަޅު ޗޮއިސް އަށް ނުވެދާނެ ކަމުގައެވެ.
"ކުރިއަށް އޮތް އިންތިހާބުގައި މިގައުމަށް ހަޤީޤީ ޗޮއިސްއެއް ބޭނުންވޭ. ޕާޓީގެ އެތެރޭގެ މަސްލަހަތުހުރިގޮތުން އަހަރެން ޤަބޫލުކުރަން އެކަމަށް އެންމެ އެކަށޭނެ ކެނޑިޑޭޓަކީ އަހަރެން ނޫންކަން" ޓްރޫޑޯ ވިދާޅުވިއެވެ.
ޓްރޫޑޯ އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކެނަޑާ އަކީ އެމެރިކާގެ 51 ވަނަ ސްޓޭޓްކަމަށް ކުރަމުންދިޔަ ދައުވާ ތަކުރާރުކޮށްފައެވެ.
ރިއެކްޝަންސް