އެޕާރޓްމަންޓް ތައް ހަވާލުކުރަން އިތުރު ވަގުތުދޭން ބައްސާމް އެދިއްޖެ
ބައްސާމް އަދީލް ޖަލީލް: ފޮޓޯ-އެފްއޭއެމް

އެޕާރޓްމަންޓް ތައް ހަވާލުކުރަން އިތުރު ވަގުތުދޭން ބައްސާމް އެދިއްޖެ

ބައްސާމްގެ ފަރާތުން އެދިފައިވަނީ އެޕާރޓްމަންޓްތައް ހަވާލުކުރަން މިމަހުގެ ނިޔަލަށް ފުރުޞަތު ދިނުމަށް

12 days ago - 11:04
Oct 6, 2024 - 11:58

ހިޔާނާތުގެ ފައިސާއިން ގަން ކަމަށް ތުހުމަތުކުރާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދެ އެޕާރޓްމަންޓް ފުލުހުންނާ ހަވާލުކުރުން ފަސްކޮށްދޭން އެދިއްޖެ އެވެ.

ބައްސާމްގެ ވަކީލުންގެ ފަރާތުން އެކަމަށް އެދިފައިވާކަން ފުލުހުން މިއަދު ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް އެފުރުޞަތު އަދި ނުދެއެވެ. ފުލުހުން ބުނީ އެކަމަށް އެދި ފޮނުވި ސިޓީއަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. ބައްސާމްގެ ފަރާތުން އެދިފައިވަނީ އެޕާރޓްމަންޓްތައް ހަވާލުކުރަން މިމަހުގެ ނިޔަލަށް ފުރުޞަތު ދިނުމަށެވެ. އެއީ ހުޅުމާލެ އަމިން އެވެނިޔުގެ ދެ އެޕާރޓްމަންޓެވެ.

ބައްސާމްގެ އަގުބޮޑު ދެ އެޕާރޓްމަންޓް ފުލުހުންނާ ހަވާލުކުރަން ކޯޓުން އަމުރުކުރީ މިއަދުގެ ނިޔަލަށެވެ. އެއަމުރު ކޯޓުން ނެރުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ފުލުހުން އޭރު ބުނީ އެދެ އެޕާރޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

ބައްސާމް އަދީލް ޖަލީލަށް ކުރަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހިޔާނާތްތެރިވުމުގެ ތުހުމަތެވެ. އެއިދާރާއަށް ފީފާއާއި ބައިނަލްއަޤްވާމީ އެހެން އިދާރާތަކުން ދީފައިވާ ފައިސާއަށް ހިޔާނާތްތެރި ވުމުގެ ތުހުމަތެވެ. އެގޮތުން އަމިން އެވެނިއު އިން އެދެއެޕާރޓްމަންޓް ބައްސާމް ގަނެފައިވަނީ ވެސް ހިޔާނާތުގެ ފައިސާއިންކަން ތަހުގީގުން ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް ފީފާއިން އެފްއޭއެމްއަށް ޖަމާކުރި 10,000 ޑޮލަރެއް ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައެއްގައިވެސް ވަނީ ދައުވާ އުފުލާފައެވެ. ފުލުހުން ބައްސާމްގެ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރަން ފެށީ ޕީޖީން އަންގައިގެންނެވެ.

އެޕާރޓްމަންޓް މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށާއި, އޭރު އެފްއޭއެމްގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އާއި އެފްއޭއެމްގައި އޭރު މަސައްކަތްކުރި ހަސަން ވަހީދުގެ މައްޗަށްވެސް ދައުވާ ކޮށްދޭން ފުލުހުން ވަނީ އެދިފައެވެ.

ބައްސާމް މިހާރު ހުރީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން 9 މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow