އިޒްރާއިލްއިން އެއްގަމު މަގުން ދެކުނު ލުބުނާނަށް ހަމާލާދޭން ފަށައިފި
އިޒްރާއިލް އަސްކަރިއްޔާއިން ދެކުނު ލުބުނާނަށް އެއްގަމު މަގުން ހަމަލާދޭން ފަށައިފިއެވެ. ހަމަލާތައް ފެށުމުގެ އެތައް ގަޑިއިރުތަކެއް ކުރިން އިޒްރާއިލްގެ ޓޭންކަރުތަކުން ވަނީ ލުބުނާނު-އިޒްރާއިލް ބޯޑަރު ކައިރީގައި ރުކުރުވާލާފައެވެ. އިޒްރާއިލްގެ އަސްކަރިއްޔާގެ ބަޔާނެއްގައި ބުނެފައިވަނީ މިއީ ލުބުނާނުގެ ވަކި ވަކި އަވަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމުގައެވެ.
ހޯމަ ދުވަހުގެ ރޭ ދަންވަރު ލުބުނާނުގެ ގަޑިން ދަންވަރު ދޭއް ޖެހިއިރު ލުބުނާނަށް އެރުމުގެ ކުރިން އިޒްރާއިލްގެ ވައިގެ ފައުޖުވެސް ވަނީ ހަރަކާތްތެރިވެފައެވެ.ފާއިތު ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އިޒްރާއިލްއިން އަންނަނީ ވައިގެ މަގުން ދެކުނު ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.
އެއްގަމު މަގުން ހަމަލާތައް ދޭންފެށުމުގެ ކުރިންވެސް އިޒްޜާއިލްއިން ވަނީ ދެކުނު ލުބުނާނުގެ މީހުން ދިރިއުޅޭ ހަތް ސަރަޙައްދަކަށް ގިނަ އިރުތަކެއް ވާންދެން ހުއްޓުމެއްނެތި ބޮން އަޅާފައެވެ. އިއްޔެ ދިން ހަމަލާތަކުގައި އެކަނިވެސް 95 މީހުން މަރުވެފައިވާކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ރިޕޯރޓް ކޮށްފައި ވެއެވެ. އެއްގަމުމަގުން ލުބުނާނަށް އަރައިގަތުމުގެ އެއްގަޑިއިރު ކުރިން އިޒްރާއިލްއިން ވަނީ އާންމުން އެސަރަޙައްދު ދޫކޮށް ދިއުމަށްވެސް އަންގާފައެވެ.
އިޒްރާއިލްގެ ދިފާއީ ވަޒީރު ޔޯވް ގެލަންޓް ވަނީ އެސަރަޙައްދުގައި ހުރެ އަސްކަރިއްޔާއަށް އިރުޝާދު ދީފައެވެ. އެއްގަމާއި ވައިގެ މަގުން, އަދި ކަނޑުންވެސް ހަމާލާތައް ދޭނެކަމަށާއި އެކަމަށް ބޭނުންވާ ހުރިހާ ފައުޖެއް ބޭނުންކުރާނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އެއްގަމު މަގުން ހަމަލާތައް ދޭން ފެށުމާއެކު ލުބުނާނުގެ މުޖާހިދުންގެ ގުރޫޕްތަކުން ވަނީ ބޯޑަރާއި 5 ކިލޯމީޓަރު ދުރަށް ޖެހިފައިކަމަށް އެސަރަޙައްދުގެ ސަލާމަތީ މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓް ކޮށްފައިވެއެވެ.
އިޒްރާއިލް އިން ލުބުނާނުގައި ކުރިއަށް މިގެންދަނީ އިޒްރާއިލްއިން މީގެ އަހަރެއްހާ ދުވަސްކުރިން ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމުގައިވެސް ބޭނުންކުރި އުކުޅެވެ. ލުބުނާނުގައި ހަނގުރާމަ ފެށިއިރު އިޒްރާއިލްއިން ޣައްޒާގައި ކުރިއަށްގެންދާ ހަމަލާތަކަށް ކުޑަވެސް ދުލެއް ނުދެއެވެ. ހޯމަ ދުވަހުވެސް އިޒްރާއިލްއިން ވަނީ ޣައްޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް ވައިގެ ހަމަލާތަކެއްދީ 11 މީހަކު މަރާލާފައެވެ.
އިޒްރާއިލްއިން 2023 އޮކްޓޯބަރު 7 ގައި ޣައްޒާއަށް ހަމަލާ ދޭން ފެށިފަހުން މިހާތަނަށް ޣައްޒާއިން 41,615 މީހުން މަރާލާފައިވާ ކަމަށް ފަލަޞްޠީނުގެ ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއެވެ. ލައްކައެއްހާ މީހުން ޒަޙަމްވެފައިވާއިރު ޣައްޒާގެ އާބާދީ އެއްކޮށްހެންވަނީ ގެދޮރުގެއްލި ވިއްސިވިހާލިވެފައެވެ.
ރިއެކްޝަންސް