ޗާގޯސް މައްސަލަ ބަލާ ކޮމިޝަނުގެ ރައީސްކަމަށް ޑރ. އަބްދުލްމުހްސިން އައްޔަންކުރައްވައިފި
ދިވެހިރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ޑރ. އަބްދުލްމުހްސިން މުހައްމަދު އައްޔަން ކުރައްވައިފިއެވެ.
މި ކޮމިޝަނަކީ ދިވެހިރާއްޖެ އާއި ޗާގޯހާ ދެމެދުވާ ކަނޑުގެ ސަރަހައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި، ރާއްޖޭގެ މަސްލަހަތުތަކަށް އުނިކަން އައިސް ލިބުނު ގެއްލުންތައް ތަހުގީގުކުރުމަށްޓަކައި އުފައްދަވާފައިވާ ކޮމިޝަނެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޮމިޝަނުގެ އެކުލެވުމަށް ބަދަލުތަކެއް ގެންނަވައި، އަލަށް ދެ ބޭފުޅަކު ކޮމިޝަނަށް އައްޔަން ކުރައްވާފައެވެ. އެގޮތުން، މީގެ ކުރިން ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އަލްއުސްތާޒު އަހުމަދު ޝާކިރު (ނ.ދ.ޝ.އ) ގެ ބަދަލުގައި، ކޮމިޝަނުގެ ރައީސްކަމަށް މިހާރު ވަނީ ޑރ. އަބްދުލްމުހްސިން މުހައްމަދު ހަމަޖައްސަވާފައެވެ.
މި ބަދަލުތަކާއެކު މިހާރު އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
ޑރ. އަބްދުލްމުހްސިން މުހައްމަދު (ކޮމިޝަނުގެ ރައީސް)
ކެޕްޓަން އަހްމަދު ޒުބައިރު
ޑރ. އާމިނަތު ޝާފިޔާ އާދަމް
ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) މުހައްމަދު ސާދިގް
އަހްމަދު އަލީމަނިކު
ފާތިމަތު މިންހަތު އިއްޒަތު
އާއިޝަތު ފަޒްނާ އަހްމަދު
ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގެ ދަށުން މި ކޮމިޝަނާ މަތިކޮށްފައިވާ މައިގަނޑު މަސްއޫލިއްޔަތަކީ، އިޓްލޮސްގެ ކޭސް ނަންބަރު 28 ހުށަހެޅުމާ ހަމަޔަށް އަދި އެ މައްސަލައިގެ މައުޟޫއު ކުރިޔަށްދިޔަ ގޮތުގައްޔާއި، ރާއްޖެއިން އެ މައްސަލައިގައި ޖަވާބުދާރީވުމުގައި އަމަލުކުރި ގޮތް ފުރިހަމައަށް ބަލައި ތަހުގީގުކުރުމެވެ. މީގެ އިތުރުން، އެ މައްސަލައާ ގުޅިގެން ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ސީދާ އަދި ނުސީދާގޮތުން އެކަމުގައި ބައިވެރިވި އެންމެހައި މަސްއޫލުވެރިންނާއި ބާރުތައް ލިބިގެންވި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ހޯދައި ބެލުންވެސް މި ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ރިއެކްޝަންސް





