ސިނަމާލެ ބްރިޖު ބެލެހެއްޓުމުގެ ފަންނީ ތަމްރީނަށް ދިވެހި އިންޖިނިއަރުންގެ ޓީމެއް ޗައިނާއަށް ފުރަނީ

ސިނަމާލެ ބްރިޖު ބެލެހެއްޓުމުގެ ފަންނީ ތަމްރީނަށް ދިވެހި އިންޖިނިއަރުންގެ ޓީމެއް ޗައިނާއަށް ފުރަނީ

60 minutes ago - 08:06
Advertisement
Advertisement

ސިނަމާލެ ބްރިޖު މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ ތަމްރީނުތަކެއް ހޯދުމަށް ދިވެހި އިންޖިނިއަރުންގެ ޓީމެއް ޗައިނާއަށް ފުރުމަށް ތައްޔާރުވެއްޖެއެވެ.


މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުގެ އިންޖިނިއަރުންނާ ބައްދަލުކުރައްވައި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީޝިން ވަނީ އެ ބޭފުޅުންނަށް ހިތްވަރު ދެއްވައި، ދަތުރަށް ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.


މި ބައްދަލުވުމާ ގުޅޭގޮތުން ޗައިނާ އެމްބަސީން ހާމަކުރި ގޮތުގައި، ދިވެހި ޒުވާން އިންޖިނިއަރުންނާ ބައްދަލުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މި ދަތުރަކީ ޗައިނާގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަތުމަށާއި، އެ ގައުމުގެ ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުންތައް އަމިއްލައަށް ތަޖުރިބާކޮށްލުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިއީ ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޭނުންތެރި އައު ވިސްނުންތަކާއި މުހިންމު ހުނަރުތައް ހޯދުމަށް މަގުފަހިވެގެންދާނެ ދަތުރެއް ކަމަށްވެސް ވިދާޅުވިއެވެ.


ސަފީރު އިތުރަށް ވިދާޅުވީ، މި ތަމްރީނު ފުރިހަމަކުރުމަށްފަހު ދިވެހި އިންޖިނިއަރުން އެނބުރި އަންނާނީ ހަމައެކަނި ފަންނީ އިލްމާއި ހުނަރުތަކާއެކު ނޫން ކަމަށެވެ. އޭގެ އިތުރުން ޗައިނާއާ މެދު އޮތް ވިސްނުން އިތުރަށް ފުޅާވެ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ޒަމާންވީ ގާތް ގުޅުން މި ދަތުރުގެ ސަބަބުން އިތުރަށް ބަދަހިވެ، ވަރުގަދަވެގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.


ދެ ގައުމުގެ ބަދަހި އެކުވެރިކަން ރަމްޒުކޮށްދޭ ސިނަމާލެ ބްރިޖު، ދިވެހިން އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތަކީ، ރާއްޖޭގެ އިންޖިނިއަރިންގ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކާއި ތާރީޚީ ފިޔަވަޅެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement