ވ. އަތޮޅުގެ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ވަޒަންކުރައްވައިފި

ވ. އަތޮޅުގެ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ވަޒަންކުރައްވައިފި

2 hours ago - 08:02
Advertisement
Advertisement

ވ. އަތޮޅުގައި ކުރިއަށް ގެންދިޔަ ނުރައްކާތެރި އަދި ޚާއްޞަ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އިޚްލާޞްތެރި ޚިދުމަތުގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފިއެވެ.


މި އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް މިއަދު ބަންޑާރަކޮށީގައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އާއި، މިނިސްޓަރ އޮފް ޑިފެންސް އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޣައްސާން މައުމޫނެވެ.


މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ފުލުހުންނާއި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގެ ތެރެއިން ވ. އަތޮޅުގެ ޑައިވިންގ އޮޕަރޭޝަންގައި އަމަލީގޮތުން ބައިވެރިވި ފުލުހުންނާއި ސިފައިންނަށް، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ހަނދާނީ ލިޔުން ހަވާލުކުރެވުނެވެ.


މި ޚާއްޞަ އޮޕަރޭޝަނަކީ ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު އަޑީގެ ހޮހަޅައެއްގެ ތެރޭގައި އިޓަލީގެ ފަސް ޑައިވަރުން މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން ހިންގުނު އޮޕަރޭޝަނެކެވެ. މި ހާދިސާގައި މަރުވެފައިވަނީ ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް (23އ) އާއި، ރިސާޗަރ މުރިއެލް އޮޑެނީނޯ (31އ) އާއި، ފެޑެރީކޯ ގުއަލްޓިއޭރީ (30އ) ގެ އިތުރުން "ޑޫކް އޮފް ޔޯކް" ސަފާރީގެ އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) އެވެ.


މި ނުރައްކާތެރި އޮޕަރޭޝަނަކީ ކަނޑުގެ ފުން ސަރަޙައްދެއްގައި ހިންގުނު އުނދަގޫ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރޭގައި، ގެއްލުނު މީހުން ހޯދުމަށް ކުރި މަސައްކަތުގައި ބައިވެރިވި ސިފައިންގެ ބޭކަލަކު ވަނީ ނިޔާވެފައެވެ. ސަރުކާރުން ވަނީ މި އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ދެއްކެވި ހިތްވަރާއި، ޤައުމީ ޚިދުމަތުގެ އަގު ވަރަށް މަތީ ދަރަޖައަކަށް ވަޒަންކުރައްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement