ދ. މީދޫދާއިރާއަށް އަނެއްކާވެސް ސިޔާމް

ދ. މީދޫދާއިރާއަށް އަނެއްކާވެސް ސިޔާމް

ދ. މީދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަޙުމަދު ސިޔާމް މުޙައްމަދު, ފަސް ވަނަ ދައުރަކަށް ވެސް އެ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާކަންރޭ އިއުލާން ކުރައްވައިފި

8 months ago - 10:05
Feb 13, 2024 - 14:19
Advertisement

ވޭތުވެދިޔަ ހަތަރު ދައުރު ރައްޔިތުންގެ މަޖިލީހުގައި ދ. މީދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަޙުމަދު ސިޔާމް މުޙައްމަދު, ފަސް ވަނަ ދައުރަކަށް ވެސް އެ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން ރޭ އިއުލާން ކުރައްވައިފިއެވެ.

އެ ދެ ޖަލްސާގައި ވަރަށް ގިނަ ރައްޔިތުންވަނީ ސިޔާމް އިތުރު ދައުރަކަށް ވާދަކުރުމަށް އެދި، ޚިޔާލު ފާޅުކޮށްފައެވެ. ރޭގެ ޖަލްސާގައި ސިޔާމް ވިދާޅުވީ މަޖިލީހަށް ކުރިމަތިލުމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނީ މީދުއާއި ރިނބިދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު، ﷲގެ ރަހްމަތްފުޅާއި ވާގިފުޅުން މިފަހަރު ތިޔަ ރައްޔިތުން އެދިލެއްވީތީ އަދި އަޅުގަނޑުވެސް ތިބޭފުޅުންނަށް އެކަން ކޮށްދޭން ބޭނުން އަދިވެސް ވާތީވެ، ﷲގެ ރަހުމަތްފުޅާއި ވާގިފުޅުން އަޅުގަނޑު މިނިންމީ ދ. މީދޫ ދާއިރާއަށް ކުރިމަތިލާން،" މިރޭގެ ޖަލްސާގައި ސިޔާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ތާއިދުކުރެއްވި ސިޔާމް އިތުރަށް ވިދާޅުވީ، ރައީސަކީ މީދޫ ދާއިރާއާ ގާތް ބޭފުޅެއް ކަމަށެވެ. 

Advertisement

 ރައީސަކީ މީގެ ކުރިން، ސިޔާމްގެ މޯލްޑިވްސް ޑެވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ މެންބަރެއްކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މީގެ ކުރިން ހައުސިން މިނިސްޓަރުކަން ކުރެއްވިއިރު، އެމްޑީއޭގެ ނައިބު ލީޑަރުގެ ގޮތުގައި ވެސް ހުންނަވައި ހޯއްދެވި ކާމިޔާބީތައް ސިޔާމް ފާހަގަކުރެއްވިއެވެ.

"އެ މަނިކުފާނުގެ ވަޒީރުކަމުގައި ރާއްޖެ ނުދެކޭވަރު ބޮޑެތި އިންވެސްޓްމެންޓްތައް ގެނެސްދެއްވައި، ރާއްޖެ ނުދެކޭވަރުގެ ބުރިޖުތައް އަޅުއްވައި، ރާއްޖެ ނުދެކޭ ވަރު އުސް އިމާރާތްތައް އަޅުއްވައި، މިފަދަ ވަރަށް ބޮޑެތި އުމްރާނީ މަސައްކަތްތައް ރާއްޖޭގައި ދުވަހަކު ވެސް ނުކުރެވޭ ވަރަށް ކުރެއްވި،" ސިޔާމް ވިދާޅުވިއެވެ.

އިތުރު ދައުރަކަށް ވާދަކުރައްވާއިރު، ދ. އަތޮޅުގެ ރަށްތަކަށް ތަރައްގީ ގެނައުމަށް ސަރުކާރާ ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު އެރުވިއެވެ.

ރައީސް އިސްކޮށް ހުންނަވާ ޕީއެންސީންވަނީ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މީދުއިން ކެންޑިޑޭޓަކު ނުނެރެން ނިންމައިފައެވެ.

އެ ދާއިރާގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާ ދާއިރާތަކަށް ވެސް ކުރިމަތިނުލާން އެ ޕާޓީން ވަނީ ނިންމައިފައެވެ.

ޕީއެންސީން ބުނި ގޮތުގައި އެގޮތަށް ނިންމާފައިވަނީ އެ ޕާޓީތަކުގެ ލީޑަރުންނަށް އިޚުތިރާމު ކުރުމުގެ ގޮތުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement