ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުންދާކަމަށާއި، ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުމާއި، ވުނަކުރުމާއި އަދި ތަރައްޤީގެ ބައިވެރިވުން ފުޅާކުރުމަށް ފުރުޞަތުތަކެއް ފަހިވަމުންއެބަދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނީވާ ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭގެ ޙަފުލާއަށް ވަޑައިގަތުމުން، އެދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލް-ޤަޙްޠާނީއެވެ.
މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރި، އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. ދެ ޤައުމުގެ ގުޅުމުގެ އަސާސަކީ އެއް ޢަޤީދާއަކާއި، އެއްގޮތް އުޞޫލުތަކެއްގެ އިތުރުން، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި އިސްލާމީ ވަރުގަދަ އުޚުއްވަތްތެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ތަރައްޤީގައި ސަޢޫދީން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށާއި، ޚާއްޞަގޮތެއްގައި 2004 ގެ ސުނާމީއާ ގުޅިގެން ދެއްވި އެހީތެރިކަމާއެކު މެދުނުކެނޑި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދާއި ވަލީއަޙުދު އަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދުގެ ސިޔާދަތުގެ ދަށުން ސަޢޫދީ ޢަރަބިއްޔާއަށް އަންނަމުންދާ ހެޔޮ ބަދަލުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި އިޤްތިޞާދު ސިންދަފާތުކުރުމާއި، އީޖާދީ މަސައްކަތްތަކާއި، ޢުމްރާނީ ތަރައްޤީއާއި، ދެމެހެއްޓެނިވި ތަރައްޤީގެ ރޮނގުން ސަޢޫދީ ހޯދަމުން އަންނަ ކާމިޔާބީތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމާއި، ޢުމްރާނީ ތަރައްޤީއާއި، ބޯހިޔާވަހިކަމާއި، ޞިއްޙީ ދާއިރާއާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއިން ސަޢޫދީގެ ވުނަކުރުމާއި ތަރައްޤީގެ ބައިވެރިވުން ރާއްޖޭގައި ފުޅާކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި ރާއްޖޭގައި ވުނަކުރުމުގެ މާޙައުލު އިތުރަށް ފަހިކޮށްދެއްވައި، ރާއްޖޭގެ އިޤްތިޞާދަށް ގެންނަވާ ހެޔޮ ބަދަލުތަކުގައި ސަޢޫދީގެ ވިޔަފާރިވެރިންނާއި ވުނޭރުންނަށް ފުޅާ ދާއިރާއެއްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ދެ ޤައުމުގެ ގުޅުމުގެތެރެއިން ޙާޞިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއްގެ ގޮތުން، 'ޗާޓަރ އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް' ގައި ސޮއިކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެކްސްޕޯ 2030 ރިޔާޟްގައި ރާއްޖެއިން ބައިވެރިވުމަކީ ފަތުރުވެރިކަމާއި، ވުނަކުރުމާއި، އީޖާދީ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ފުރުޞަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފައެވެ. މީގެ އިތުރުން، ޞުލްޙައާއި، ހަމަޖެހުމާއި، ތަނަވަސްކަން ޤާއިމުކުރުމުގެ އިތުރުން، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ޤައުމު ގުޅިގެން މެދުނުކެނޑި މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމާއި ބަދަހި ގުޅުމާއެކު، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާ ގުޅިގެން އަދަށްވުރެ ފާގަތި މުސްތަޤުބަލެއް ބިނާކުރެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅަށްފަހު، ސަފީރު ޔަޙްޔާ ޙަސަން އަލް-ޤަޙްޠާނީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ޙަފްލާގައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ޒަމާންވީ ރަޙްމަތްތެރިކަމާއި ގުޅުން ދައްކުވައިދޭ ވީޑިއޯއެއްގެ އިތުރުން، ސަޢޫދީގެ ތަރައްޤީއާއި މުސްތަޤުބަލުގެ ތަޞައްވުރު ދައްކުވައިދޭ ވީޑިއޯތަކެއްވެސް ދައްކާފައިވެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރަމުންދަނީ "އަވަރ ޕްރައިޑް އިޒް އިން އަވަރ ނޭޗަރ" މި ޝިޢާރުގެ ދަށުންނެވެ.
ރިއެކްޝަންސް





