ގޯއްޗާއި ފްލެޓްގެ ޔަގީންކަން ރައީސް އަނެއްކާވެސް ދެއްވައިފި
ގެދިރުވެރިކަމުގެ ޔޫނިއަންތަކާ ރައީސް މިއަދު ބައްދަލުކުރެއްވި
މިދިޔަ ސަރުކާރުން ގޯއްޗާއި ފްލެޓް ލިބޭނެކަމުގެ ޔަގީންކަން ލިޔުމުން ދިން ފަރާތްތަކަށް ގޯއްޗާއި ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަނެއްކާވެސް ދެއްވައިފި އެވެ.
ރައީސް އެޔަގީންކަން ތަކުރާރުކުރެއްވީ މިއަދު ހައުސިންގ ޔޫނިއަންތަކާ ބައްދަލުކުރައްވާ އެބޭފުޅުންނަށެވެ. މިދިޔަ ސަރުކާރުން ގޯއްޗާއި ފްލެޓް ދިން ބަޔަކަށް ދިން ތަނަކުން ދެއްވާނެ ކަމުގެ ޔަގީންކަން ރިޔާސީ އިންތިޚާބާ ހަމައިންވެސް ރައީސް އައީ ދެއްވަމުންނެވެ. ހުވާ ކުރެއްވުމަށްފަހުވެސް ދެއްވި ޔަގީންކަމަކީ ސަރުކާރުން ގެޒެޓްކޮށްފައިވާ ލިސްޓެއްގައި ހިމެނޭ އެއްވެސް މީހެއްގެ އަތުން ގޯތިވިޔަސް ފްލެޓް ވިޔަސް އަތުނުލައްވާނެ ކަމުގެ ޔަގީންކަމެވެ. ނަމަވެސް މިދިޔަ ސަރުކާރުން ފްލެޓް ދިނުމުގައި ބޮޑަތި އޮޅުވާލުން ހުރި ކަމަށާއި, ހައްގު ނޫން ބަޔަކަށް ދީފައިވާ ކަމަށް އޭސީސީން ބުނަމުން ދިއުމުން އެކަމަށް ރިއާޔަތްކުރައްވާ މިސަރުކާރުން ވަނީ އަލުން ކޮމިޓީއެއް އެކުލަވާލާ އަލުން ބަލަން ފަށާފައެވެ.
ޔޫނިއަންގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން އައީ އަލުން ބަލާ, ފްލެޓާއި ގޯތި ދިނުން ލަސްވަމުން ދާތީއެވެ. އަދި ރައީސްގެ ވައުދާ ހިލާފްވަމުން ދާކަމަށް ބުނެ މުޒާހަރާ ކުރަންވެސް ވަނީ ފަށާފައެވެ. އެކަމަކު މިއަދު ރައީސްއާ ބައްދަލުކުރެއްވުމަށްފަހު ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަހި ޔޫނިއަންގެ ރައީސް އިސްމާއީލް ވިދާޅުވީ ރައީސް އަދިވެސް ވައުދުގެ މަތީގައި ހުންނެވި ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން އުއްމީދުކުރަނީ އަދިވެސް ރައީސްގެ ވައުދަށް ބަދަލު ނާންނަ ކަމަށްވަންޏާމް އެގްރިމެންޓް ލިބިފައި ތިބި ބޭފުޅުންގެ ތެރޭގައި ސައްހަ އެއްވެސް މީހަކު ކަޓައިގެން ނުދާނެ ކަމަށް" އިސްމާއީލް ނާއިފް ވިދާޅުވިއެވެ.
ގެދޮރުވެރިކަމާބެހޭ ޔޫނިއަންއިން ބުނީ އޮޅުން ނުފިލާހުރި ކަންކަން ބައްދަލުވުމުގައި އޮޅުންފިލި ކަމަށެވެ. އަދި ސަރުކާރާ އެކީގައި މަސައްކަތް ކުރެވޭނެ ޗެނަލްއެއްވެސް ގާއިމް ކުރެވުނު ކަމަށެވެ. ގޯތި ގެދޮރުގެ ކަންކަމުގައި އޮތް ހާސްކަމަށް ބޮޑު ފަސޭހަކަމެއް ލިބުނު ކަމަށް އެޔޫނިއަންއިން ބުންޏެވެ.
ގުޅީފަޅު އެސޯސީއޭޝަނުން ބުނީ ގޯތި ދިނުމުގެ ޕްރޮޖެކްޓް ހުއްޓާނުލާ ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށެވެ. އަދި ބިން ކަނޑާ ދިނުމުގެ މަރުހަލާވެސް އަވަހަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް އެއެސޯސިއޭޝަނުން ބުންޏެވެ.
ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ.އަލީ ހައިދަރު އެންމެފަހުން ވިދާޅުވީ އޮކްޓޯބަރު ނިމުމުގެ ކުރިން 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އަލުން އިއުލާނު ކުރައްވާނެ ކަމަށެވެ. މީގެކުރިންވެސް އެމިނިސްޓްރީން އެކި ތާރީޚުތައް ދެއްވިއެވެ.
ރިއެކްޝަންސް