ރައީސުލްޖުމްހޫރިއްޔާ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއާ ބައްދަލުކުރައްވައިފި
ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ހުރި ކަންކަން ކުރެއްވުމުން އެ ސިނާޢަތް ކުރިއަށްދާނެ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީ.ކޭ.އެމް.ޔޫ) ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ބޯދުކަންނެލި ޔޫނިއަންއާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ބީ.ކޭ.އެމް.ޔޫގެ މެންބަރުން ވަނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން ޝުކުރު އަދާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މި ސަރުކާރުން މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މި ސިނާއަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކުރެއްވިއެވެ. އަދި މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ބައްދަލުވުމެއްގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިއުންކަމުގައެވެ. އަދި މެނިފެސްޓޯގައި ހުރި ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާކަމަށާއި، އެކަންކަން ނިމުމުން މަސްވެރިކަމުގެ ސިނާއަތަށް ޖުމްލަ ގޮތެއްގައި ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. ބީ.ކޭ.އެމް.ޔޫ މެންބަރުންގެ ޝުޢޫރުތަކާއި ކަންބޮޑުވުންތައް ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފުރުޞަތު ދެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބީ.ކޭ.އެމް.ޔޫގެ މެންބަރުން ވަނީ މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވުމުންނާއި، މަސްވެރިކަމުގެ ސިނާޢަތަށް ވަންނަ ނުވަތަ ގުޅޭ ފަރާތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. އަދި މަސް ކިރުމުގައި ހުރި ދަތިތަކާއި، ދޯނިތަކަށް ހޯދަންޖެހޭ ސާފުތާހިރުކަމުގެ ލިޔުން ހޯދުމުގައި ހުރި ކަންބޮޑުވުންތައް ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން މިހާރު މަސްދޯނި ފަހަރު އޮންނަ ސަރަހައްދު ބެލުމަށް ބޭނުންކުރާ ޑިވައިސްގައި ހުރި އުނދަގޫކަން ވެސް ހިއްސާކުރެއްވިއެވެ. "ފްލޯ ޕްރައިސް" ގެ ދަށުން މަސްވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައި ދިނުމަށާއި، ބޮޑުކަންނެލި މަސްވެރިކަމަށް ޚާއްޞަ ބޮއި ހަދައިދެއްވުމަށާއި, އެންވެރިކަން ކުރާ ސަރަހައްދުތައް ރައްކާތެރިކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަދި މިނިސްޓްރީގެ ކަމާ ގުޅޭ އިސް ބޭފުޅުންނާއި ބީ.ކޭ.އެމް.ޔޫގެ މެންބަރުން ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ގެނެވެންހުރި ޙައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބީ.ކޭ.އެމް.ޔޫގެ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ބޮޑުކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުން އެގޮތަށް އެދުމުންނެވެ. އެފަރާތްތަކުން މީގެކުރިން ވަނީ ޝުއޫރު ފާޅުކުރުމަށް ސުލުހަވެރި މުޒާހަރާވެސް ކޮށްފައެވެ.
ރިއެކްޝަންސް