ކަމަލާ ހަރިސްއަށް އެމެރިކާގެ ރިޔާސީ ރޭސް ކާމިޔާބުކޮށް އެގައުމުގެ ފުރަތަމަ އަންހެން ރައީސަށް ވެވިދާނެބާ!
އިންތިޚާބުވެއްޖެނަމަ އޭނާވާނީ އޭޝިޔާއަށް ނިސްބަތްވާ އެމެރިކާގެ ފުރަތަމަ ރައީސަށް
މިއީ އެމެރިކާގެ ސިޔާސީ ހަޔާތުގައި އަނެއްކާވެސް ތާރީޚީ ވަގުތެކެވެ. އެމެރިކާ އަށް ހިޖުރަކުރި ޖެމެއިކާ އަދި އިންޑިއާގެ ދެމަފިރިއަކަށް އުފަން, ކަމަލާ ހަރިސް ބުރާސްފަތި ދުވަހުގެރޭ ވަނީ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވަދާކުރާ ރިޔާސީ ކެނޑިޑޭޓްގެ ހުށަހެޅުން ޤަބޫލުކޮށްފައެވެ.
މިހާރުވެސް އެމެރިކާގެ ނައިބު ރައީސްކަން ކުރައްވަމުން ގެންދަވާ ކަމަލާ ހަރިސް އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ އޭނާ ވެގެންދާނީ އެމެރިކާގެ ތާރީޚުގައިވެސް އަންހެނެއް އެގައުމުގެ ރައީސްކަން ކުރާ ފުރަތަމަ ފަހަރަށެވެ. ހަމައެހެންމެ, ޑިމޮކްރެޓްސްގެ ރިޔާސީ ނޮމިނޭޝަން ގަބޫލުކުރި އޭޝިޔާއަށް ނިސްބަތްވާ ފުރަތަމަ ބޭފުޅަކީ ކަމަލާއެވެ.
ބުރާސްފަތި ދުވަހުގެރޭގެ ޝިކާގޯގެ ޑިމޮކްރަޓިކް ނެޝަނަލް ކޮންވެންޝަން (ޑީ.އެން.ސީ) ނިންމާލި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކަމަލާ ވަނީ އޭނާ ވާނީ އެމެރިކާގެ ހުރިހާ ރައްޔިތުންގެވެސް ލީޑަރުކަމަށް ވަޢުދުވެވަޑައިގެންފައެވެ.
އޭނާވަނީ ޣައްޒާގައި ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށްވެސް ގޮވާލާފައެވެ. އަދި އިޒްރާއިލް އިން އެމީހުންގެ "އަމިއްލަ ދިފާއުގެ ޙައްޤު" ބޭނުންކުރުމާ އެއްކޮޅަށްހުރި ކަމަށް ވިދާޅުވެފައެވެ.
އިޒްރާއިލްއިން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޤަތުލުއާންމެން ހިންގާތާ ދިހަ މަހަށްވުރެ ގިނަދުވަސް ވެފައިވާއިރު, އެމެރިކާގެ ރިޔާސީ އިންތިހާބަށް ބާކީ އޮތީ ދިހަ ހަފްތާއެވެ.
މިހާރުގެ ރައީސް ޖޯއި ބައިޑެން އާ ކަމަލާ ތަފާތުވާނީ ކިހިނެއް! ފަލަސްޠީންގެ ހާލަތު ބަދަލުވެދާނެބާ!
ހަތަރު އަހަރު ވަންދެން ރައީސް ޖޯއި ބައިޑެންގެ ހިޔަނީގައި ހުންނެވުމަށްފަހު ފުރަތަމަ ފަހަރަށް ކަމަލާ އަމިއްލަފުޅު ހައިސިއްޔަތާއެކު އާންމުންނާ މިވަނީ ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި އެކަމަނާގެ އަމިއްލަފުޅު ހަޔާތުގެވާހަކަ އާއި އެމެރިކާއާ މެދު އެކަމަނާގެ ތަސައްވުރު ވަނީ ހާމަކުރައްވާފައެވެ.
އެމެރިކާގެ ރައްޔިތުންގެ ހުވަފެންތައް ހަޤީގަތަކަށް ހައްދަވާދެއްވާނެކަމަށް ވިދާޅުވެ, އެކަމަނާ ވަނީ ގައުމުގެ އުއްމީދާއި ހަމަޖެހުން ޤާއިމްކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. ބޮއްސުންލާފައިވާ އެމެރިކާގެ އިމިގްރޭޝަން ނިޒާމު ހަރުދަނާ ކުރައްވާނެކަމަށްވެސް އެކަމަނާ ވަޢުދުވެވަޑައިގެންނެވިއެވެ.
ކަމަލާ ވަނީ އޮކްޓޯބަރ 7 ގެ ހަމަލާ ކުށްވެރިކޮށް ވާހަކަފުޅު ދައްކަވާފައެވެ. އަދި އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން އިންސާނީ ކާރިޘާއެއް ޣައްޒާއަށް ކުރިމަތިވެފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް އިޒްރާއިލް އިން އެމީހުންގެ ދިފާއުގައި ކުރާ މަސައްތަށް ތާއީދު ކުރުމުގައި ދެމިހުންނަވާނެ ކަމަށްވެސް އޭނާ ވަނީ ވައުދުވެފައެވެ.
ވާހަކަފުޅު ކުރިއަށް ގެންދިޔައިރު ހޯލްގައި ފަލަސްތީން މިނިވަންކުރަން ގޮވާލަމުންދިޔަ އަޑުތަކަށް ދެއްވި އިޖާބައެއްގެ ގޮތުން ކަމަލާ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ރައީސް ބައިޑެން އާއެކު މިދަނީ މަސައްކަތްކުރަމުން ކަމަށެވެ.
ޑީ.އެން.ސީ ގެ ބޭރުގައި އެވަގުތުވެސް އެތައްހާސް އެމެރިކާގެ ރައްޔިތުން ދިޔައީ ބެނާތަކާއެކު އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންދާ ޤަތުލްއާންމު ހުއްޓުވުމަށާއި ފަލަސްތީން މިނިވަންކުރަން ގޮވާލާ އިޙްތިޖާޖު ކުރަމުންނެވެ. އެއީ އެމެރިކާގެ އެތަކެއް ސިޓިއިން ޝިކާގޯއަށް ޖަމާވި އެމެރިކާގެ ރައްޔިތުންނެވެ. އިޙްތިޖާޖުގެ ބައިވެރިންވަނީ ކަމަލާއަކީވެސް ޤަތުލްއާންމުގެ ބައިވެރިއެއް ކަމަށް ސިފަކޮށްފައެވެ.
އިހުތިޖާޖުގައި ޑިމޮކްރެޓްސް އަށާއި ކަމަލާއަށް ތާއީދުކުރާ އެމެރިކާގައި ދިރިއުޅޭ ފަލަސްތީނަށް ނިސްބަތްވާ އެގައުމުގެ މީހުންވަނީ އެމީހުންގެ ފަރާތުން ޑީ.އެން.ސީ ގައި ވާހަކަދެއްކުމުގެ ފުރުޞަތު ނުލިބުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އެސަރަޙައްދުން ޔޫ.އެސް-ފަލަސްތީނިއަން ކޮމިއުނިޓީގެ ފަރާތުން ވާހަކަދެއްކި މުޙައްމަދު ސަންކާރީ ބުނީ ޑިމޮކްރެޓިކް ޕާޓީން އުޅެނީ އެމީހުން ބައިވެރިވެގެން ޣައްޒާގައި ހިންގަމުންދާ ގަތުލުޢާންމުގެ ޒިންމާއިން ރެކޭށެވެ. އެކަމާބެހޭގޮތުން އޭނާ މިހުރި ބުނާނެ އެއްޗެއްވެސް ނޭނގިފައި ކަމުގައި އޭނާ ބުންޏެވެ.
"ޑިމޮކްރެޓުންގެ މައްޗައް އުފާވެރިކަމުގެ ފުއްޕާހަންތައް އޮހެނީ. އެކަމަކު އަހަރެން ލޯބިވާ, އަހަރެންގެ މީހުން (ފަލަސްތީނުގެ މީހުން)ގެ މައްޗަށް އޮހެނީ އެމެރިކާއިން ފޮނުވާ ބޮން" ރޮމުން އަލްޖަޒީރާ އާ ވާހަކަދައްކަމުން މުޙައްމުދު ބުންޏެވެ.
ހަތަރު ދުވަހަށް ދެމިގެންދިޔަ ކޮންވެންޝަން ނިމުން އިރު ފެނުނީ ތަފާތު ދެ ހަޤީގަތެކެވެ. ޑިމޮކްރެޓުން އިންތިހާއަށް އުފާވެ, ނިކުމެގެން ދިޔައިރު އެމެރިކާގައި ދިރިއުޅޭ ފަލަސްތީނަށް ނިސްބަތްވާ ރައްޔިތުން ކޮންވެންޝަން ސެންޓަރުގެ ބޭރުގައި ތިބީ މާޔޫސްވެފައެވެ. ޝިކާގޯ އަކީ އެމެރިކާގައި ފަލަސްތީނަށް ނިސްބަތްވާ ރައްޔިތުން އެންމެ ގިނަ ސިޓީއެވެ. މިއާއެކު ކަމަލާގެ ރައީސްކަމުގައި ހުރިހާ އެމެރިކާގެ ރައްޔިތުންނަކީ އެމެރިކާގެ އެންމެހާ ރައްޔިތުންތޯ އެމީހުންވަނީ ސުވާލު އުފައްދާފައެވެ.
ދިހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާ ހަމަލާތަކުގައި ފަލަސްތީނުގެ 40,000 ށް ވުރެ ގިނަ މީހުން ޣައްޒާގައި އިޒްރާއިލްއިން މަރާލާފައިވާއިރު އެމެރިކާއިންއިން ވަނީ އެތައްމިލިއަން ޑޮލަރެއްގެ އެހީ އިޒްރާއިލްއަށް ފޮނުވާފައެވެ. ދާދި ފަހުންވެސް އެމެރިކާއިން ވަނީ އިޒްރާއިލްއަށް 20 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ފާސްކޮށްފައެވެ.
ރިއެކްޝަންސް