އެމްއައިބީގެ ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން  ޝަމްހީދުގެ މައްޗަށް ހުކުމެއް

އެމްއައިބީގެ ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން ޝަމްހީދުގެ މައްޗަށް ހުކުމެއް

7 hours ago - 10:46
Nov 12, 2026 - 10:52

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަމިއްލަ ކުންފުންޏަކަށް ދޫކުރި ފައިނޭންސިންގ ފެސިލިޓީއަކަށް ގެރެންޓީ ދެއްވައި ފައިސާ ނުދެއްކި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި އިތުރު ހަތަރު މީހެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެމްއައިބީން މި ދައުވާ އުފުލީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް އެ ބޭންކުން ދޫކުރި ފަސް ލައްކަ އެމެރިކާ ޑޮލަރުގެ "ސޭލް އެންޑް ލީސްބެކް ފެސިލިޓީ" އަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީއެވެ. ޝަމްހީދު ހިމެނިވަޑައިގަންނަވާހެން ޖުމްލަ ފަސް ފަރާތަކުން ވަނީ އެ ފެސިލިޓީއަށް ބޭންކް ގެރެންޓީ ދީފައެވެ.

މި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ކޯޓުން ކުރި ހުކުމުގައި އަމުރުކޮށްފައިވަނީ ފެސިލިޓީގެ ބާކީ އަދަދު ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ދައްކައި ނިންމުމަށެވެ. މީގެއިތުރުން ފެސިލިޓީއަށް ފައިސާ ނުދެއްކުމުގެ ސަބަބުން ކޮންމެ މަހަކު އަރަމުންދާ ޖޫރިމަނާއާއި "ޗެރިޓީ" ގެ ގޮތުގައި އަރާފައިވާ ފައިސާވެސް މި ހަ މަސްދުވަހުގެ މުއްދަތުގައި އެމްއައިބީއަށް ދައްކައި ހަލާސްކުރަން ޖެހޭނެއެވެ.

ހުކުމުގައިވާ ގޮތުން މި ފެސިލިޓީ ދޫކޮށްފައިވަނީ "ޑުޕްލެކްސް ކްރޫޒް" ނަމަކަށް ކިޔާ ސަފާރީއެއް ރަހުނުކުރުމަށްފަހުގައެވެ. އެހެންކަމުން ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ އުޅަނދު ވިއްކާލައިގެން ފައިސާ ހޯދުމުގެ އިޚުތިޔާރު އެމްއައިބީއަށް ލިބިގެންވެއެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝަމްހީދު ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް، ކޯޓުން މިފަދަ ހުކުމެއް އައުމަކީ އޭނާގެ މަޖިލިސް ގޮނޑިއަށްވެސް ނުރައްކާވެދާނެ ކަމެކެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow