އައްޑޫ ސިޓީ ކައުންސިލުން ފަތުރުވެރިކަމަށް ދޫކުރި ބިންތަކުގެ އެއްބަސްވުންތަކުގެ މައްސަލައިގައި 5.58 މިލިއަން ރުފިޔާގެ ގެއްލުމެއް!

އައްޑޫ ސިޓީ ކައުންސިލުން ފަތުރުވެރިކަމަށް ދޫކުރި ބިންތަކުގެ އެއްބަސްވުންތަކުގެ މައްސަލައިގައި 5.58 މިލިއަން ރުފިޔާގެ ގެއްލުމެއް!

5 hours ago - 18:03
Advertisement
Advertisement

ފަތުރުވެރިކަމުގެ ބޭނުންތަކަށް އައްޑޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރި ބިންތަކުގެ އެއްބަސްވުންތައް އަލުން އެކުލަވާލުމުގައި ހެދި ގޯސްތަކެއްގެ ސަބަބުން، ކައުންސިލަށް 5.58 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.


މިކަން ހާމަވެފައިވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ އައްޑޫ ސިޓީ ކައުންސިލުގެ 2021 އަދި 2022 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައެވެ.


އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޓޫރިޒަމް ބޭނުމަށް ދޫކުރާ ބިންތަކުގެ އެއްބަސްވުން ބުނާގޮތުން، މަސައްކަތް ފަށާ ތާރީޚުން ފެށިގެން 24 މަސްދުވަހުގެ "ގްރޭސް ޕީރިއަޑް" ނުވަތަ ކުލި ދައްކަން ނުޖެހޭ މުއްދަތެއް ލިބެއެވެ. ނަމަވެސް، ކައުންސިލުން ވަނީ މި މުއްދަތު ހަމަވެ، ކުލި ހިނގަން ފެށިފަހުންވެސް ކުލި ނުނަގައި، އެ ބިންތަކުގެ ހެޑް ލީޒް ނުވަތަ ތަރައްޤީކުރުމުގެ ޙައްޤުތައް އެހެން ފަރާތްތަކަށް ބަދަލުކޮށްދީފައެވެ.


މިގޮތަށް ބަދަލުކުރި 8 ބިމެއްގެ އެއްބަސްވުންތައް އަލުން ހެދިއިރު، ކުރީގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ 439,297 ރުފިޔާ ނުލިބި ހުއްޓާ، އަލަށް ބިން ނެގި ފަރާތްތަކަށްވެސް އަނެއްކާވެސް އިތުރު 24 މަސްދުވަހުގެ ކުލި ނުނަގާ މުއްދަތެއް ކައުންސިލުން ވަނީ ދީފައެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މިގޮތަށް އިތުރު މުއްދަތު ދިނުމުގެ ސަބަބުން 5.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ކައުންސިލަށް ގެއްލިފައިވާ ކަމަށެވެ.


އެހެންކަމުން، ކުރީގެ އެއްބަސްވުންތަކުން ނުލިބި ހުރި ފައިސާއާއި، އައު އެއްބަސްވުންތަކުން ދޫކޮށްލި ކުލި އެއްކޮށްލުމުން ޖުމްލަ 5,581,873 (ފަސް މިލިއަން ފަސްލައްކަ އަށްޑިހަ އެއްހާސް އަށްސަތޭކަ ހަތްދިހަ ތިނެއް) ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާކަން އޮޑިޓުން ވަނީ ކަށަވަރުކޮށްދީފައެވެ.


އޮޑިޓް އޮފީހުން ވަނީ މިގޮތަށް ބިންތައް ބަދަލުކުރުމުގައި ދައުލަތަށް ލިބެންޖެހޭ އާމްދަނީއަށް އުނިކަން ނުލިބޭނެ ގޮތަށް އަމަލުކުރުމަށާއި، މިކަމުގައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އިރުޝާދު ދީފައެވެ. މި މައްސަލައަކީ ކައުންސިލްތަކުން ބިންތައް ބެލެހެއްޓުމާއި މާލީ މުއާމަލާތްތައް ހިންގުމުގައި ހުރި ބޮޑެތި އިހުމާލުތަކެއް ފާހަގަވެގެންދިޔަ ކަމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement