ކޮލަމްބޯ ޕޯޓުގައި މުދާ ތާށިވި މައްސަލަ އެއްކޮށް ހައްލުކޮށްފި
މި އަހަރުގެ ކުރީކޮޅުން ފެށިގެން މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވުމުގެ ސަބަބުން، ސްރީލަންކާގެ ކޮލަމްބޯ ޕޯޓުން ރާއްޖެއަށް މުދާ ގެނައުމުގައި ދިމާވި ހުރިހާ ދަތިތަކެއް މިހާރު ހައްލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ހާމަކުރައްވައިފިއެވެ.
މި މައްސަލަ ދިމާވީ ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ދަތުރުފަތުރަށް އައި ބަދަލުތަކާ ގުޅިގެންނެވެ. ޚާއްޞަކޮށް ޔަހޫދީންނާއި އެމެރިކާ ގުޅިގެން ދެމުންދާ ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. މިކަމުގެ ނޭދެވޭ އަސަރު މާލޭ ވިޔަފާރި ބަނދަރަށް ކުރި އިރު، އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯ ޕޯޓުގައި ރާއްޖެއަށް ގެންނަން ހުރި ގާތްގަނޑަކަށް 4,200 ކޮންޓެއިނަރު ވަނީ ތާށިވެފައެވެ.
މި މައްސަލައާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެ ކުރިން ވިދާޅުވެފައިވަނީ، ވަކި ބާވަތްތަކެއްގެ މުދާ ލިބުން މަޑުޖެހުމަކީ ރާއްޖޭގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމެއް ކަމަށެވެ. އެހެންކަމުން، ސަރުކާރުން އިސްކަންދީގެން އެފަދަ މުދާ ރާއްޖެ ގެނައުމުގެ މަސައްކަތް އަވަސްކުރުމަށް ކަމާގުޅޭ އިދާރާތަކާއެކު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވިއެވެ.
އެމްޕީއެލްއިން މިއަދު ވިދާޅުވީ، ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި އިދާރާތައް ގުޅިގެން ކުރި މަސައްކަތުން މިހާރު ކޮލަމްބޯ ބަނދަރުގައި ތާށިވެފައި ހުރި ހުރިހާ މުދަލެއް ގެނައުމުގެ މަސައްކަތް ނިމި، ދަތިތައް އެއްކޮށް ހައްލުވެފައިވާ ކަމަށެވެ.
ދުނިޔޭގެ ބާޒާރަށް އަންނަ މިފަދަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މާކެޓަށް ކުރާނެ އަސަރު ކުޑަކުރުމަށާއި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން އިޤްތިޞާދީ ވުޒާރާއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ވިޔަފާރީގެ ދާއިރާ ހަރުދަނާކުރުމަށް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.
ރިއެކްޝަންސް





