
ޣައްޒާގެ ހިޞާރު ނައްތާލުމަށް ކަނޑުމަގުންދާ ލަޝްކަރުގެ ފުރަތަމަ ބޯޓް ބާސެލޯނާއިން ފުރައިފި
ޓިއުނީޝިއާއިން އިތުރު ބޯޓްތަކާ ގުޅި 50އަށްވުރެ ގިން ބޯޓް ހިމެނޭ ފްލީޓް ސެޕްޓެމްބަރު 4 ގައި ފުރާނެ
18 އަހަރު ވަންދެން ޣައްޒާ ބަންދުކޮށްފައިއޮން އޮތުން ނިމުމަކަށް ގެނައުމަށް އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ ފަރާތްތަކުން ކަނޑުމަގުން ދާ އެންމެ ބޮޑު ލަޝްކަރުގެ ފުރަތަމަ ބޯޓް މިއަދު ބާސެލޯނާގެބަނދަރުން ފުރައިފިއެވެ. މި ލަޝްކަރުގެ މައިގަނޑު އަމާޒަކީ ޣައްޒާ ބްލޮކޭޑް ފުނޑާލާ އިންސާނީ އެހީގެ މަގުތައް ޣައްޒާއަށް ހުޅުވާލަ ދިނުމެވެ.
ބާސެލޯނާގެ ބަނދަރުން މި ބޯޓް ނައްޓާލާފައިވަނީ ރާއްޖެގަޑިން މިއަދު އިރުއޮށްސި 6:30 ހާއިރުއެވެ. ފަލަޞްޠީނުގެ މިނިވަންކަމަށާއި, އިޒްރާއިލްއިން ޣައްޒާގައި ހިންގާ ޤަތުލްއާންމާ ދެކޮޅު ހަދާ އަޑުތަކުން ގުގުމާލާފައި އޮތް ބާސެލޯނާގެ ބަނދަރަށް ބޯޓަށް ވަދާއުކިޔުމަށް އެތައްސަތޭކަބަޔަކު އެއްވެފައި އޮތް މަންޒަރު މި ހަރަކާތް އިންތިޒާމްކުރި ގްލޯބަލް ސުމޫދު ފްލޮޓީލާއިން ދިޔައީ ވަގުތުން މުޅި ދުނިޔެއަަށް ދައްކަމުންނެވެ.
މިއަދު ދަތުރަށް ފެށުމުގެ ކުރިން ގްލޯބަލް ސުމޫދް ފްލޮޓީލާގެ ސްޓިއަރިން ކޮމިޓީން އިން ވަނީ އެސަރަހައްދުގައު ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާ ކަމާގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައެވެ. ޑޮކްޓަރުންނާއި, ޤާނޫނީ ވަކީލުން, ނޫސްވެރިންނާއި ޤާނޫނޫ ހަދާ މަޖިލީހުގެ މެމްބަރުންނާއި އާޓިސްޓުންގެ އިތުރުން އިންސާނީ ހައްޤުތަކުގެ ހިމާޔަތުގައި މަސައްކަތްކުރާ އެތައްބަޔަކު މި ބޯޓްތަކުގައި ދަތުރު ކުރާނެކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
ޖުމްލަ 50 ށްވުރެ ބޯޓް އެއްފަހަރާ ދަތުރުކުރުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ މިހާތަނަށް ކަނޑުމަގުން ހިންގާ މިފަދަ އެންމެ ބިޔަ ހަރަކާތެެވެ. މިއީ އާންމު ފަރުދުން އެކުވެގެން އެއްވެސް ސަރުކާރެއްގެ ނުވަތަ ސިޔާސީ ނުފޫޒުގަދަ ފަރާތެއްގެ ބައިވެރިވުން ލިބިގެން ފަލަޞްޠީނުގެ ރައްޔިތުންގެ ހައްޤުގައި ހިންގާ އިންސާނިއްޔަތުކަމުގެ ހަރަކާތެކެވެ.ބައިނަލްއަޤުވާމީ ޤާނޫނޫތަކުން ބާރުލިބިގެން ހިންގާ ހަރަކާތެެކެވެ.
މި ފްލީޓްގައި ބޯޓްތަކުގައި ދަތުރުކުރުމަށް 26,000 މީހުން ދުނިޔޭގެ އެކިކަންކޮޅުތަކުން ރަޖިސްޓްރީ ކުރިއެވެ. ނަމަވެސް މި ލަޝްކަރުގައި ދަތުރުކުރާނީ ދެތިން ސަތޭކަ ފަހުލަވާނުންނެވެ. މިއަދު ފުރި ބޯޓް ޣައްޒާއަށް ހުންގާނު ތެދުކުރުމުގެ ކުރިން ތޫނިސްގައި ބަނދަރުކުރާނެއެވެ. ބާކީ ބޯޓްތަކާއެކު މައިލަޝްކަރު ތޫނިސް އިން ފުރާނީ އަންނަ މަހު 4ގައެވެ.
މީގެ އިތުރުން އިޓަލީ އިންނާއި ބައެއް އެހެން ބަނދަރުތަކުން ފުރާ ބޯޓްްތައްވެސް އެދުވަހު ލަޝްކަރާ ގުޅޭނެއެވެ. ހުރިހާ ބޯޓްތައް ގުޅި މެޑިޓެރޭނިއަން ކަނޑުގައި ބިޔަ ލަޝްކަރާއެކު 3000 ކިލޯމީޓަރު ކަޑައްތުކޮށް ޣައްޒާއަށް ފޯރާނެކަމަށް ބެލެވެނީ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
އެންމެފަހުން މިފަދަ މިޝަން އެއްގައި ފްރީޑަމް ފްލޮޓީލާ ކޯލިޝަންގެ ބޯޓް ހަންޑަލާ ދަތުރުކުރަނިކޮށް ޣައްޒާއާ 80 މޭލު ދުރުން އިޒްރާއިލްއިންވަނީ ބޯޓަށް އަރައިގަނެ އެއިން ދަތުރުކުރި 22 މީހުން ރަހީނުކޮށް ފަހުން ދޫކޮށްލާފައެވެ.
ރިއެކްޝަންސް






