
ވާނުވާ ބަންދުގައި ތިބި މީހުން ޓެގު އެޅުވުމަށްފަހު ދޫކުރަން ފަށައިފި
ބޮޑަތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ދުލެއް ނުކުރާނެ
ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުން އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމަށްފަހު ދޫކުރަން ފަށައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އޮފީހުން މިއަދު ޢާއްމުކުރި ނޫސްބަޔާނެއްގައި ވިދާޅުވީ ޓެގް އެޅުވުމަށްފަހު އިއްޔެ ދެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު 5 މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓްގައި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަނީ އެ މީހުން މޮނިޓަރ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިޢާޔަތްކޮށް ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އެސެސްމަންޓުތައް ޕީޖީ އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށްގެންދަވާނެކަމަށް ނޫސްބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ބަންދަށް ލުއިދެނީ އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
" އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަކަށް ހަމަޖެހިފައެއް ނުވެއެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ" ބަޔާނުގައި ވެއެވެ.
މިހާރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ވަނީ ބަންދުކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ޕީޖީ އޮފީހުން ދެކެއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ އަމާޒަކީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ޙައްލެއް ގެނައުން ކަމަށެވެ. ވާނުވާ ބަންދު ނިމުމަކަށް ގެނައުމަކީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެއްވެސް މެއެވެ.
ރިއެކްޝަންސް






