
ލީބިޔާއިން: އެމީހަކަށް الله ލިއުއްވާފައިވާކަމެއް ގެއްލެނި ނުކުރައްވާނެ ކަމުގެ ހައިރާންކުރުވަނިވި ހާދިސާއެއް!
މުހިއްމީ މާތް الله ގެ ރަޙްމަތުން އުއްމީދު ކަނޑާނުލުން
މިޢީ ހައްޖުގެ މާތް އަޅުކަމަށް އިއްޔެ ލީބިޔާއިން ފުރި ޒުވާން ހާޖީ އަމެރްގެ ވާހަކައެވެ. އޭނާ ނުލާ ފްލައިޓް ދެ ފަހަރުވެސް ނައްޓާލުމަށްފަހު މުއުޖިޒާތެއްފަދަ ގޮތަކަށް އޭނާއަށް މާތް الله ގެ ރަޙްމަތްފުޅު ތަނަވަސްވެގެން ދިޔަ ގޮތުގެ ވާހަކަ އެވެ. މިވާހަކަ ވަނީ ދެ ޙަރަމްގެ ވާހަކަތައް ގެނެސްދޭ ފޭސްބުް ޕޭޖްގައި ވެސް ހިއްސާކޮށްފައެވެ.
އަމެރް ފުރަތަމަ ފުރަން ދިޔައިރު އެއަރޕޯޓް ޕްރޮސީޖަރ ގެ ތެރެއިން ސަލާމަތީ މައްސަލައެއް ދިމާވެ އޭނާއަށް ބޯޓަށް އެރޭގޮތް ނުވީއެވެ. "އަހަރެމެން މިދަނީ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން. އެކަމަކު ވަގުތު ނަގާނެ" ސެކިއުރިޓީ އޮފިސަރު އަމެރް އަށް ބުންޏެވެ.
އޭރު އެހެން ހުރިހާ ހައްޖުވެރިން އެމީހުންގެ ކަންކަން ނިމި ބޯޓަށް އަރައިފިއެވެ. ބޯޓުގެ ދޮރުވެސް ލައްޕައިފިއެވެ. އޭގެ ކުޑައިރުކޮޅެއްފަހުން އަމެރްއަށް ދިމާވި މައްސަލަ ހައްލުވިއެވެ. ނަމަވެސް ޕައިލެޓް ބޯޓްގެ ދޮރު ހުޅުވަން އިންކާރުކޮށް ފްލައިޓް ނައްޓާލައިފިއެވެ. އަމެރް ބަހައްޓާފައެވެ.
އަމަރް އަށް ދިމާވި ހާލަތާއެކު ސެކިއުރިޓ އޮފިސަރުން އޭނާއަށް ހިތްވަރު ދެވޭތޯ ބެލިއެވެ. އެމީހުން ބުންޏެވެ. އޭނާއަށް ދިމާވި ކަންކަމަށް މާފަށް އެދުނެވެ. "އަހަރެން އައިސް މިހުރީ ހައްޖަށް ދާން. މާތް الله ގެ އިރާދަފުޅާއެކު އަހަރެން ހައްޖައް ދާނަން" އެއަރޕޯޓުން ނިކުންނަށް އިންކާރުކޮށް އަމެރް ބުންޏެވެ.
ކުއްލިއަކަށް އެއަރޕޯޓަށް ލިބުނީ އަމެރް ނުލާ ނައްޓާލި ބޯޓަށް ސަލާމަތީ މައްސަލައެއް ދިމާވެ އަނބުރާ އެއަރ ޕޯޓަށް ޖައްސާކަމުގެ ހަބަރެވެ. ބޯޓް އެނބުރި އައިސް މައްސަލަ ހައްލުކޮށް އަނެއްކާވެސް ނައްޓާލަން އުޅެނީއެވެ. މިފަހަރުވެސް ބޯޓްގެ ދޮރުހުޅުވަން ޕައިލެޓް އިންކާރުކުރީއެވެ.
"އެއީ ކަލެއަށް އޮތް ފްލައިޓެއް ނޫންކަމަށްވާނީ" އޮފިސަރު އަމެރް އަށް ބުންޏެވެ. މިފަހަރުވެސް އަމެރް ދިނީ ހަމަ ކުރިންވެސް ދިން ޖަވާބެވެ. އަހަރެން އައިސް މިހުރީ ހައްޖަށްދާށެވެ. މާތް الله ގެ އިރާދަފުޅުން އަހަރެން ހައްޖަށް ދާނަމެވެ.
ބޯޓް ނައްޓާލައިފިއެވެ. ހަމަ ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް ބޯޓަށް އިތުރު މައްސަލައެއް ދިމާވެއްޖެއެވެ. ދެވަނަ ފަހަރަށް ބޯޓު އަނބުރާ ރަންވޭއަށް ޖައްސައިިފިއެވެ. މިފަހަރު ޕައިލެޓް ބުންޏެވެ. އަހަރެން އަމެރް ނުލައެއް ނުފުރާނަމެވެ.
ބޯޓު ތިންވަނަ ފަހަރު ނައްޓާލީ އަމެރް ގޮވައިގެންނެވެ. އޭނާ މިހާރު ހުރީ މައްކާގެ މާތް ބިމުގައެވެ. މާތް اللهގެ ތަނަވަސް ރަަޙްމާތްފުޅުން އޭނާ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާނެއެވެ. ނައްޓާލުމުގެ ކުރިން ބޯޓުގެ ފަޅުވެރިން އަމެރް އާ އެކު ހަނދާނީ ފޮޓޯއެއް ނެގިއެވެ. ނަމަވެސް ދުނިޔެއަށްޓަކައި އެއީ މާތް الله ގެ ތަނަވަސް ރަޙްމަތުން އުއްމީދު ކަނޑާނުލާ މީހާއަށް އޮތް ރަޙްމަތުގެ ވާހަކަ ކިޔައިދޭ ރަމްޒެކެވެ.
ރިއެކްޝަންސް






