
ޖަލުގެ ތޮއްޖެހުން ކުޑަކުރަން އިރާޤުގެ ޖަލުތަކުން 19,000 ށްވުރެ ގިނަ ޤައިދީން މިނިވަންކޮށްފި
މިނިވަންކުރި މީހުންގެ ތެރޭގައި ކުރީގެ އައިސިސްގެ މެމްބަރުންވެސް ހިމެނޭ
އިރާޤުގެ ޖަލުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ފާސްކުރި މާފުދިނުމުގެ ޤާނޫނުގެ ދަށުން އެޤައުމުގެ ޖަލުތަކުގައި ތިބި 19,000 ށްވުރެ ގިނަ ޤައިދީން މިނިވަންކޮށްފިއެވެ. އޭގެ ތެރޭގައި އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސިރިއާ (އައިސިސް) ގެ ކުރީގެ މެމްބަރުންވެސް ހިމެނެއެވެ.
އިރާޤުގެ ޖުޑީޝަލް އޮތޯރިޓީން އަންގާރަ ދުވަހު ބުނިގޮތުގައި އޭގެތެރޭގައި ޓެރަރިޒަމާ ގުޅުންހުރި ކުށްތައް ސާބިތުވެ ޖަލަށްލާފައިވާ ބައެއް މީހުންގެ ހުކުމްތައް ފަސްކުރުންވެސް ހިމެނެއެވެ.
މި ޤާނޫނުގެ ދަށުން ކުރީގެ އައިސިސް މެމްބަރުންނަށް އިއްވާފައިވާ މަރުގެ ހުކުމްތައްވެސް ވަނީ ފަސްކުރެވިފައެވެ. 2017 ގައި އިރާޤުގައި އައިސިސްގެ ބާރު ކެނޑުމުގެ ކުރިން އެމީހުންވަނީ 2014 ން ފެށިގެން އިރާޤުގެ މުހިންމު ސިޓީތަކެއް ކަމަށްވާ, ތިކްރީތް އާއި މޫސަލް އަދި ފައްލޫޖާ އެމީހުންގެ ބާރުގެ ދަށަށްވެސް ގެނެސްފައެވެެ.
އިރާޤުގެ ސިފައިންގެ ފޯސްތަކުން ފަހުންވަނީ އައިސިސްގެ ބާރުގައި ދަށުގައި ހުރި އެގަޢުމުގެ އަވަށްތައް އަނބުރާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސް އައިސިސް ބަލިކޮށްފައެވެެ. ނަމަވެސް އައިސިސްގެ ދުވަސްވަރު އިރާޤުގައި އާންމުންގެ އެތައްހާސްބަޔަކު ރަޙްމެއްނެތި މަރާ, އެމީހުންގެ ގެދޮރު ދޫކޮށްދާން މަޖުބޫރު ކުރުވާފައިވެއެވެ.
ޖެނުއަރީ މަހު ފާސްކުރި ޤާނޫނުގެ ދަށުން ހަނގުރާމަވެރި ޖަމާއަތްތަކަށް ނިސްބަތްވާ ބައެއް ޤައިދީން އެމީހުން އެއްކޮށް މިނިވަންކުރުން, ނުވަތަ އަލުން އެމީހުންގެ މައްސަލަ ކޯޓަކުން ބެލުން ނުވަތަ ކޭސް އަނބުރާ ގެންދެވޭ ގޮތަށްވެސް ވަނީ މަގުފަހިވެފައެވެ. ނަމަވެސް ހައްދުފަނަ އެޅި ހަނގުރާމަވެރިންގެ ތެރެއިން މީހުން މެރުމުގެ ކުށް ސާބިތުވެފައިވާ އެއްވެސް މީހަކަށް މިޤާނޫނުގެ ދަށުން ލުއެއް ނުލިބޭނެއެވެ.
މީގެ އިތުރުން ހައްޔަރުގައި ތިބި އެއްވެސް މީހަކަށް ގަދަކަމުން ބިރުދައްކައިގެން އެމީހުން ނުކުރާ ކުށަކަށް އެއްބަސްކުރުވާފައިވާނަމަ, އަލުން އެމައްސަލަ ބެލުމަށް އެދުމުގެ ހައްޤުވެސް މިޤާނޫނުގެ ދަށުން ލިބިދެއެވެ.
އިރާޤުގެ ސްޕްރީމް ޖުޑީޝަލް ކައުންސިލްގެ ރައީސް ފައިގް ޒައިދާން, ވެރިރަށް ބަޤްދާދުގައި ބޭއްވި ބައްދަލު ވުމެއްގައި ވަނީ 19,381 ޤައިދީއަކު ޖެނުއަރީ މަހުން ފެށިގެން އެޕްރީލް އާ ހަމައަށް ޖަލުން މިނިވަންކޮށްފައިވާކަށް ކަށަވަރުކޮށްދީފައެވެ.
ރިއެކްޝަންސް






