މިއަދުން ފެށިގެން ވޯކްޕާމިޓް ދޫކުރާނީ މެޑިކަލް އޮވެގެން – ހޯމް މިނިސްޓްރީ
"މިގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓުގައި މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ހުރިހާ ޓެސްޓުތަކެއް ހިމެނެން ޖެހޭނެ"
ކޮވިޑް19 އާ ގުޅިގެން ދީފައިވާ ލުއިތައް އުވާލައި، ކުރިއެކޭވެސް އެއްގޮތަށް މެޑިކަލް ރިޕޯޓް ހުށަހެޅުމުން ނޫނީ ވޯކްޕާމިޓް ދޫނުކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ވިދާޅުވެއްޖެއެވެ.
ބިދޭސީންގެ ކޯޓާގެ ކަންކަން ބަލައްހައްޓަވަމުން އަންނަ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވިދާޅުވީ މިއަދުން ފެށިގެން ވޯކްޕާމިޓް ދޫކުރާނީ ވޯކްޕާމިޓް މެޑިކަލް ރިޕޯޓު އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުން ކަމަށެވެ.
ވޯކް ޕާމިޓް ދޫކުރުމުގައި މެޑިކަލް ރިޕޯޓު ހުށަހެޅުމުގައި ގެންގުޅެމުން އައި ގަވާއިދަށް ސަރުކާރުން ލުއި ދީފައިވަނީ ކޮވިޑް19 ގެ ސަބަބުން މެޑިކަލް ހެއްދުމުގައި ކަންކަމުގައި ވަޒީފާދޭ ފަރާތްތަކަށް ދިމާވި ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
"ނަމަވެސް، 2024 ޖަނަވަރީ 04 ވަނަ ދުވަހުން ފެށިގެން ވޯކްޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ވޯކްޕާމިޓް ދޫކުރެވޭނީ އަދި ވޯކްޕާމިޓް ދޫކޮށްފައިވާ ފަރާތްތަކަށް އެ ޕާމިޓްގެ މުއްދަތު އިތުރު ކުރުމަށް ފީ ދެއްކޭނީ މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ވޯކްޕާމިޓް މެޑިކަލް ޚިދުމަތް ފޯރުކޮށްދޭ ތަނަކުން ހަދާފައިވާ ވޯކްޕާމިޓް މެޑިކަލް ރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުން ކަމުގައި ދެންނެވީމެވެ." ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނެރުނު އިއުލާނުގައި ވެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ ވޯކްޕާމިޓް އެންޓްރީ ޕާސްގެދަށުން ރާއްޖެ އެތެރެވާ ފަރާތްތަކުންވެސް ފަނަރަ ދުވަހުގެ ތެރޭގައި މެޑިކަލް ރިޕޯޓު ހުށަހަޅަންޖެހޭނެ ކަމަށެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވިދާޅުވި ގޮތުގައި މިވަގުތު ވޯކްޕާމިޓްގެ މުއްދަތު ހަމަވެފައިވާ ބިދޭސިއެއް ރާއްޖެއިން ބޭރުގައި ހުރިނަމަވެސް އެފަރާތަކަށް ވޯކްޕާމިޓް އިތުރުކޮށް ރާއްޖެ އެތެރެވެވޭނީ ރާއްޖެއިން ބޭރުން މެޑިކަލް ހެއްދުމަށްފަހު ރިޕޯޓު އެކްސްޕެޓް ސިސްޓަމަށް ހުށަހެޅުމުންނެވެ.
"މިގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓުގައި މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ހުރިހާ ޓެސްޓުތަކެއް ހިމެނެން ޖެހޭނެ" މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ވިދާޅުވިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވިދާޅުވީ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މެޑިކަލްއާ ނުލައި ވޯކް ޕާމިޓް ދޫކޮށްފައިވާ ފަރާތްތަކުގެ މެޑިކަލް ރިޕޯޓު ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަންޖެހޭނެ ކަމަށާއި އެ މުއްދަތުގައި ހުށަނާޅައިފިނަމަ ގަވައިދުގައިވާ ގޮތުގެ މަތިން އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ވިދާޅުވިއެވެ.
އެމިނިސްޓްރީން ވިދާޅުވީ ރާއްޖެއިން ފުރައިގެންދާ މީހުންގެ ވޯކްޕާމިޓް ކެންސަލް ކުރެވޭނީ އަންނަ ފެބްރީ މަހުގެ ހަތަރުވަނަ ދުވަހުގެ ފަހުން ވޯކްޕާމިޓް މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދެވިފައިވާ މުއްދަތު ހަމަވެފައިނުވާ ފަރާތްތަކަށް ކަމަށާއި އެ މުއްދަތު ހަމަވެފައިވާނަމަ ވޯކްޕާމިޓް މެޑިކަލްގެ މުއްދަތު ހަމަވެފައިވާ ކޮންމެ އަހަރަކަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވައިދުގެދަށުން ދެހާސް ރުފިޔާ ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިދޭސީންގެ ކޯޓާއާއި ވޯކްޕާމިޓްގެ ކަންކަން މިހާރު ބަލަހައްޓަވަމުން ގެންދަވާ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ވިދާޅުވިއެވެ.
ރިއެކްޝަންސް