ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު މަގާމުން ވަކިވެވަޑައިގެންފި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު، ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފިއެވެ.
ފަނޑިޔާރު މާހިރު މަގާމުން ވަކިވެވަޑައިގަތީ އަމިއްލަފުޅަށް ރިޓަޔާ ކުރެއްވުމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ. އެގޮތުން، މަގާމުން ރިޓަޔާ ކުރެއްވުމަށް އެދިވަޑައިގެން އެމަނިކުފާނު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.
ފަނޑިޔާރު މާހިރު މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ އެމަނިކުފާނު ރާއްޖޭގެ ޝަރުއީ ދާއިރާއަށާއި ހައިކޯޓަށް ކޮށްދެއްވާފައިވާ އަގުހުރި އަދި އިޚްލާޞްތެރި ޚިދުމަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
އިބްރާހީމް މާހިރަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ފަނޑިޔާރުކަމުގެ ޚިދުމަތް ފެއްޓެވީ 2005 ވަނަ އަހަރު ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުންނެވެ. އޭގެ ފަހުން ފެމިލީ ކޯޓުގެ އިސްފަނޑިޔާރުކަން ކުރައްވާފައިވާއިރު، އެ ކޯޓުގެ ޤާޟީކަމުގެ މަގާމުގައި 12 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެމަނިކުފާނު ވަނީ ޚިދުމަތް ކުރައްވާފައެވެ.
ފަނޑިޔާރު އިބްރާހީމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެވުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ރިއެކްޝަންސް





