ހުއްދަ ނެތި ބޭސް އެތެރެކޮށްފިނަމަ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި
ހުއްދަ ނެތި ރާއްޖެއަށް ބޭސް އެތެރެކުރާ ފަރާތްތައް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސް ހިފެހެއްޓޭ ގޮތަށް ބޭހާ ބެހޭ ގަވާއިދު އިސްލާހުކޮށް އަމަލުކުރަން ފަށައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއްޔެ ޝާއިޢުކުރި މި ގަވާއިދުގެ ދަށުން، ބޭސް އިމްޕޯޓުކުރުމާއި، އުފެއްދުމާއި، ވިއްކުމާއި، އަދި ބޭސް ގުދަންކުރުމުގެ ހުރިހާ މަރުޙަލާއެއްގައި އަމަލުކުރަންޖެހޭ ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. މި އިސްލާހުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ބޭނުންކުރާ ބޭހަކީ ފެންވަރު ރަނގަޅު، ރައްކާތެރި ބޭސްތަކެއްކަން ކަށަވަރުކުރުމާއި، ނަހަމަ ގޮތުގައި ބޭސް ބޭނުންކުރުން ހުއްޓުވުމެވެ.
އައު ގަވާއިދުގައިވާ ގޮތުން، ގަވާއިދާ ޚިލާފަށް ބޭސް އެތެރެކުރާ ފަރާތްތައް 10،000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން، 14 ދުވަހުގެ މުއްދަތަށް އެ ފަރާތެއްގެ ހުއްދަ ހިފެހެއްޓޭނެއެވެ. އަދި ބޭސް ރަޖިސްޓްރީ ކުރުމުގައި ދޮގު މަޢުލޫމާތު ދޭ ކުންފުނިތައް "ބްލެކްލިސްޓް" ކުރުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ވަނީ ދީފައެވެ. މިގޮތަށް ބްލެކްލިސްޓް ކުރެވޭ ކުންފުނިތަކަށް އަލުން ރަޖިސްޓްރީ ކުރަން ހުށަހެޅޭނީ 6 މަސް ދުވަހުގެ މުއްދަތަކަށް ފަހުގައެވެ.
މީގެ އިތުރުން، ފާމަސީތަކުގެ ސާފުތާހިރުކަން ކުޑަވުމާއި، ހުއްދަ ނެތް ފަރާތްތަކުން ބޭސް ވިއްކުމުގެ މުޢާމަލާތްތައް ހިންގުމަކީ ބޭސް ވިއްކުމުގެ ހުއްދަ ބާޠިލުވާނެ ކަންކަމުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި ފާމަސީ ރަޖިސްޓްރީ ކުރުމަށްފަހު ޚިދުމަތް ނުފަށާ 6 މަސްވުން ނުވަތަ ހިންގަމުންދާ ފާމަސީއެއް 3 މަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި ބެހެއްޓުމަކީވެސް ހުއްދަ ބާޠިލުވާނެ ސަބަބުތަކެކެވެ.
އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރުމާ ގުޅޭގޮތުން ގަވާއިދުގައި ބުނެފައިވަނީ، އާންމު ގޮތެއްގައި އެތެރެކުރެވޭނީ 3 މަސް ދުވަހުގެ ބޭސް ކަމަށެވެ. ނަމަވެސް ބަލިމީހާގެ މެޑިކަލް ރެކޯޑުތަކާއެކު ހުށަހެޅުމުން 6 މަސް ދުވަހުގެ ބޭސް އެތެރެކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފާގެ މަތިން މި ގަވާއިދު ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެމްއެފްޑީއޭ އިންނެވެ. މި ބަދަލުތަކާއެކު ރާއްޖޭގެ ބޭހުގެ ބާޒާރު އިތުރަށް ތަރުތީބުވެ، ރައްޔިތުންނަށް ލިބޭ ބޭހުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް އެ އޮތޯރިޓީން އުންމީދު ކުރެއެވެ.
ރިއެކްޝަންސް





