އިނގިރޭސިވިލާތުގެ ވިސާ މާލޭގައި ތިބެގެން ނެގޭނެ އިންތިޒާމު ހަމަޖައްސަނީ
ރާއްޖޭގައި ތިބެގެން އިނގިރޭސިވިލާތުގެ ވިސާ ނެގޭނެ ގޮތަށް ވަގުތީ ވިސާ ކްލިނިކެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ވީއެފްއެސް ގްލޯބަލް އިން އަންނަ އޮގަސްޓް މަހުގެ 10 އިން 12 އަށް މާލޭގެ މާގިރީ ހޮޓަލުގައި މި ވަގުތީ ވިސާ ކްލިނިކްގެ ޚިދުމަތް ކުރިއަށް ގެންދާނެ ކަމަށެވެ. މިއީ އިނގިރޭސިވިލާތުގެ ވިސާއަށް އެދޭ ފަރާތްތަކަށް، ޚާއްސަކޮށް މަތީ ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހި ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އިންތިޒާމްކުރާ ޚިދުމަތެކެވެ.
އިނގިރޭސިވިލާތުގެ ވިސާއަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު، ރަސްމީ ސްޓޫޑެންޓް ވިސާ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ބުކްކުރުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިރުޝާދު ދެއްވާފައެވެ.
މި ވަގުތީ ކްލިނިކްގެ ސަބަބުން، ބަޔޮމެޓްރިކްސްގައި ރަޖިސްޓްރީވުމަށާއި ބޭނުންވާ ސަޕޯޓިން ޑޮކިއުމަންޓްތައް ހުށަހެޅުމަށް ރާއްޖޭއިން ބޭރަށް ދާންނުޖެހި، ސީދާ މާލޭގައި ތިބެގެން އެ މަސައްކަތްތައް ފުރިހަމަކުރުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދާނެއެވެ. ސަރުކާރުގެ މި އިންތިޒާމަކީ ދިވެހި ރައްޔިތުންނަށް ދަތުރުފަތުރުގެ ކަންކަމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެއްކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ރިއެކްޝަންސް





