ސްކޫލް ބަންދާ ދިމާކޮށް 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް ގޮސްފި
މިއަހަރުގެ ސްކޫލް ބަންދާ ދިމާކޮށް 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި ދުވަސްވަރު ތަފާތު ގްރޫޕުތަކާއެކު އުމްރާގެ އަޅުކަމަށް ސައުދީއަށް ގޮސްފައިވާ ދިވެހިންގެ އަދަދު 4،000 އަށްވުރެ އިތުރު ކަމަށެވެ. އަދި އުމްރާގެ އަޅުކަމުގައި މިވަގުތު ސައުދީގައި ތިބި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ސްކޫލް ފުރަތަމަ ޓާމްގެ ބަންދު ފެށިފައިވާއިރު، ކޮންމެ އަހަރެއްގެ ވެސް ސްކޫލް ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން އުމްރާއަށް ދެއެވެ. އެގޮތުން ނިމިދިޔަ ސްކޫލް ބަންދުގައި ވެސް 7،000 އަށްވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވެއެވެ.
މިފަހަރުގެ އުމްރާ ދަތުރުތަކާއެކު ފާހަގަކޮށްލެވޭ މުހިންމު ކަމަކީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް ފަށާފައިވުމެވެ. ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ އޭ-330 މަރުކާގެ ބޯޓު ބޭނުންކޮށްގެން ފެށި މި ދަތުރުތަކުގެ ސަބަބުން، ދެކުނުގެ އަތޮޅުތަކުން ހައްޖާއި އުމްރާއަށްދާ ފަރާތްތަކަށް ދަތުރުގައި އުފުލަންޖެހޭ ތަކްލީފްތައް ކުޑަވެ، ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ހައްޖާއި އުމްރާގެ އަޅުކަމަށްދާ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރިއެކްޝަންސް





