ތިލަފުށީ ބަނދަރުގެ ކީ-ވޯލް ހެދުން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފި
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ބަނދަރު ތޮށި ހެދުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ ކެޕްޓަން ޙުސައިން ޝަފީގުއެވެ. ސީ.އެޗް.އީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މި މަޝްރޫޢުގެ ދަށުން ސީ.އެޗް.އީ.ސީއާ ހަވާލުކުރި ބައިގައި ހިމެނެނީ، ބައިނަލްއަޤްވާމީ ކޮންޓެއިނަރު ބޯޓުފަހަރަށް ޚާއްސަކޮށްގެން ހަދާ 14.6 މީޓަރު ފުން، 375 މީޓަރު ދިގު ތޮށްޓަކާއި، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކަށް ޚާއްސަ 5 މީޓަރު ފުން، 820 މީޓަރު ދިގު ތޮށްޓެކެވެ.
މި މަޝްރޫޢުގެ ބައެއް މަސައްކަތްތައް (100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި 3 ހެކްޓަރުގެ ސަރަހައްދެއް ޕޭވްކުރުން) މިދިޔަ ޖޫން 1، 2026 ގައި އެމް.ޓީ.ސީ.ސީއާ ވެސް ވަނީ ހަވާލުކޮށްފައެވެ.
މާލޭ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހިންގާ މި މަޝްރޫޢު އެއްކޮށް ނިމޭއިރު، ތިލަފުށީގައި 1،000 މީޓަރަށްވުރެ ދިގު ބައިނަލްއަޤްވާމީ ކީ-ވޯލްއަކާއި، މާލޭ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުތަކަށް ޚާއްސަ 2،000 މީޓަރަށްވުރެ ދިގު ޑޮމެސްޓިކް ޓަރމިނަލްއެއް ގާއިމްކުރެވޭނެއެވެ.
މުޅި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައިވަނީ 11 ނޮވެމްބަރު 2027 ގެ ނިޔަލަށެވެ.
ރިއެކްޝަންސް





