ވޭތުވެދިޔަ ތިން މަހު ގެވެށި އަނިޔާގެ 200 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފި
ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ގެވެށި އަނިޔާގެ 200 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ) އިން ހާމަކޮށްފިއެވެ.
އެ އޮތޯރިޓީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ގެވެށި އަނިޔާގެ 236 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި އެފް.ޕީ.އޭ އަށް ސީދާ ހުށަހެޅުނު މައްސަލަތަކާއި އެހެނިހެން މުއައްސަސާތަކުން ރިފަރ ކުރި މައްސަލަތައް ހިމެނޭއިރު، ޖުމްލަ ރިފަރަލްތަކުގެ އަދަދު އުޅެނީ 258 ގައެވެ.
މި މައްސަލަތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން 59.3 އިންސައްތަ މައްސަލަ މާލެއިން ރިޕޯޓުކޮށްފައިވާއިރު، އަތޮޅުތަކުގެ ތެރެއިން ށ. އަތޮޅާއި ހދ. އަތޮޅުން ހުށަހެޅި މައްސަލަތައް ނިސްބަތުން ގިނަކަން ފާހަގަކުރެވެއެވެ.
އަނިޔާ ލިބުނު ފަރާތްތަކުގެ ތަފްސީލަށް ބަލާއިރު، ޖުމްލަ 208 އަންހެނުންނާއި 73 ފިރިހެނުންނަށް އަނިޔާގެ އެކި ހާދިސާތައް ކުރިމަތިވެފައިވެއެވެ. މީގެ ތެރޭގައި 18 އަހަރުން މަތީގެ 170 މީހަކާއި، 18 އަހަރުން ދަށުގެ 38 ކުޑަކުދިން ހިމެނެއެވެ. އެންމެ އާންމުކޮށް ރިޕޯޓުކޮށްފައިވަނީ ބަހުގެ ހަމަލާ ދިނުމާއި، ނަފްސާނީ ގޮތުން އަނިޔާކުރުމުގެ މައްސަލަތަކެވެ. މީގެ އިތުރުން ބިރުދެއްކުމާއި ޖިސްމާނީ އަނިޔާގެ މައްސަލަތައް ވެސް ހުށަހެޅިފައިވާކަމަށް އެފް.ޕީ.އޭ އިން ބުނެއެވެ.
ގެވެށި އަނިޔާ ހުއްޓުވުމަށް އެ އޮތޯރިޓީން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސިއްހީ ދާއިރާ، ފުލުހުން، ޕީޖީ އޮފީސް އަދި މަދަނީ ޖަމިއްޔާތަކާ ގުޅިގެން 16 އަތޮޅެއްގައި 170 އަށްވުރެ ގިނަ ހޭލުންތެރިކުރުވުމުގެ ސެޝަންތައް ވަނީ ބާއްވާފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށް ހަ ބަހަކުން ތަރުޖަމާކޮށްފައިވާ އަތްމަތީ ފޮތެއް ނެރުމުގެ އިތުރުން، އާންމުންނަށް އަމާޒުކޮށްގެން ފަސް ކެމްޕޭނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށް "އުދުހިލަން: އުފާވެރި ރައްކާތެރި މުޖުތަމަޢުއަކަށް" ނަމުގައި ގައުމީ ކެމްޕޭނެއް ފަށައި، 2025 އިން 2027 އަށް އެ ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެފް.ޕީ.އޭގެ އަމާޒަކީ ގެވެށި އަނިޔާއިން ސަލާމަތްވެފައިވާ އަމާން މުޖުތަމަޢެއް ބިނާކުރުން ކަމަށްވާއިރު، މިކަމުގައި އާންމުންގެ އެއްބާރުލުން ބޭނުންވާކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
ރިއެކްޝަންސް





