ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓުލާ މީހުންގެ ރަޖިސްޓަރީގައި ސޮއިކުރުމުގެ ފުރުސަތު ހުޅުވާލަނީ
މި މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓްރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުން އޮންނާނީ މާދަމާ ހެނދުނު 10:00 އިން މެންދުރުފަހު 1:30ގެ ނިޔަލަށެވެ. މި މަސައްކަތް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ.
ކެންޑިޑޭޓުންގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން ދާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ދާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއި ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއެއް ގެންދަން ޖެހޭނެއެވެ. މީގެ އިތުރުން ސޮއިކުރަން ދާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަޙްމަދު ސަޢީދު އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ޢަބްދުﷲ ޞާދިޤެވެ.
މި އިންތިޚާބުގައި ޖުމްލަ 4,121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، ވޯޓުލުމަށްޓަކައި ޖުމްލަ 7 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެއީ މާލޭގައި ބަހައްޓާ 2 ފޮށީގެ އިތުރުން އައްޑޫ ސިޓީގައި ބަހައްޓާ 5 ފޮށްޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، 2024 ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ހުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލުމުންނެވެ.
ރިއެކްޝަންސް

