މުދަލު ޒަކާތުގެ ނިޞާބު 21،836.50ރ އަށް
ދިވެހިރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބަދަލު ގެނެސްފިއެވެ.
މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ބަދަލާއެކު، ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 21,836.50 (އެކާވީސް ހާސް އަށްސަތޭކަ ތިރީސް ހަ ރުފިޔާ ފަންސާސް ލާރި) ކަމުގައި ޒަކާތު ހައުސްއިން ވަނީ ކަނޑައަޅާފައެވެ. މި މިންވަރު ކަނޑައަޅާފައިވަނީ ރިހީގެ ގްރާމަކަށް 36.70 ރުފިޔާގެ ރޭޓުން، 595 ގްރާމަށް ޖެހޭ އަގަށް ބަލައިގެންނެވެ.
މީގެކުރިން މިދިޔަ ޑިސެމްބަރު މަހު މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 19,527.90 ރުފިޔާއެވެ. ރާއްޖޭގައި ޒަކާތުގެ ނިސާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށްވާތީ، ބައިނަލްއަގުވާމީ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރަށް ވެސް ބަދަލު އާދެއެވެ.
އިލްމުވެރިން ވިދާޅުވާ ގޮތުގައި، ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ފައިދާހުރި އަދި އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ނިސާބު ކަނޑައެޅުމެވެ. މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން، އެއިން ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
މުދަލު ޒަކާތް ދެއްކުމަކީ ތިމާގެ މުދަލުގައި ނިސާބު ހަމަވާތާ ހިޖުރީ ގޮތުން އެއް އަހަރު ފުރިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލު ޒަކާތް ދެއްކުމުގެ ފުރުސަތު އޮވެއެވެ.
2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަމުންދަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ. މީރާގެ ކައުންޓަރުތަކުގެ އިތުރުން އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އެމީހަކު މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ބަލާލުމަށް މީރާގެ ވެބްސައިޓުގައިވާ ކަލްކިއުލޭޓަރު ބޭނުންކުރެވޭނެއެވެ.
ރިއެކްޝަންސް





