
ގެއްލުނު ޙަސަން ޔާމީން ބޭރަކަށް ނުފުރާ, އަދިވެސް ނުފެނޭ- ފުލުހުން
އެންމެ ފަހުން ފެނުނީ މިމަހުގެ 11 ވަނަ ދުވަހުގެރޭ
ގެއްލިގެން މިމަހުގެ 15 ވަނަ ދުވަހު ފުލުހުން ޢާއްމުކޮށް އިއުލާނުކުރި ޙަސަން ޔާމީން ރާއްޖެއިން ބޭރަށް ފުރާފައި ނުވާ ކަމަށާއި, އަދި މިއަދާ ހަމައަށް ފެނިފައިވެސް ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ ޔާމީން ގެއްލިގެން ފުލުހުންނަށް އާއިލާގެ ފަރާތުން ރިޕޯރޓް ކުރީ މިމަހުގެ 14 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އޭނާގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެރޭ 21:25 ހާއިރު ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
ޔާމީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ފުލުހުން ވަނީ އާއިލާގެ އެއްބާރުލުމާއެކު ޔާމީން ދިރިއުޅޭ ތަން ބަލާ ފާސްކޮށްފައެވެ. އެތަނުން ކުށުގެ ވެށީގެ އެއްވެސް ނިޝާނެއް އަދި ކުށް ކުރާކަމުގެ ނިޝާނެއްވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެޕާޓްމަންޓަށް އެއްވެސް ބަދަލެއް އައިސްފައިވާކަންވެސް ފާހަގަކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ޔާމީން ބޭރަށް ދިޔަތޯ ކަމާގުޅުންހުރި އިދާރާތަކުން ކަށަވަރުކުރިއިރު ބޭރަށް ފުރާފައިވެސް ނުވާކަން ފުލުހުން ޔަގީންކޮށްދެއެވެ. ފުލުހުން ވިދާޅުވީ ޔާމީން ހޯދުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖްތައް ދިރާސާކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.
ޔާމީންއާ ގުޅޭ އެއްވެސް ޚަބަރެއް ވެއްޖެނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ 9400053 އަށް ގުޅާ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.
ރިއެކްޝަންސް






