
ރޯދަމަހަކީ މައްސަލަތައް ޙައްލުކުރުމަށް އޮތް ރަނުގެ ފުރުޞަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް އިލްތިމާސްކުރައްވައިފި
މިފެށޭ ރޯދަމަހަކީ ޢާއިލާތަކާއި ގާތް ފަރާތްތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލުކުރުމަށް އޮތް ރަނުގެ ފުރުޞަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ އިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް, ބޮޑުބަދަލަކާއެކު ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވީ މިފެށޭ ރޯދަމަހަކީ އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކޮށް، އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ މުސްލިމެއްކަމުގެ ފަޚުރު، ހިތާ ރޫހުން ލިބިގަތުމަށެވެ. އަދި ޢާއިލާތަކާއި ގާތް ފަރާތްތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލުކުރުމަށް އޮތް ރަނުގެ ފުރުޞަތެއްގެ ގޮތުގައި ރޯދަމަސް ބަލައިގަތުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޚިޔާލުތަފާތުވުންތަކުން އެއްކިބާވެ، ޤައުމާއި ދީން އިސްކުރެއްވުމަށްވެސް އިލްތިމާސްކުރައްވާފައެވެ. އަދި، މާޒީގައި ހިފަހައްޓައިގެން ލިބޭނެ ކުރިއެރުމެއް ނެތްކަމަށާއި ކުރިއަށްދިޔުމަކީ އިސްލާމްދީން ދަސްކޮށްދޭ، އެކަމަކަށް ބާރުއަޅާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާފުކުރުމާއި، އެކުވެރިކަން އާލާކުރުމާއި، ހިތްސާފުކޮށް ޠާހިރުކުރުމާއި، އަނެއް މުސްލިމާއަށް ތިބާގެ ފަރާތުން ކުރިމަތިވެދާނެ ގެއްލުންތަކުން ސަލާމަތްވުމުގެ މުހިއްމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެފަދަ ކަންކަމަކީ ނަބަވީ ސުންނަތުން ދަލީލުކޮށްދޭ ކަންކަންކަމަށާއި، މިކަންކަން ޔަޤީންނުވާނަމަ، އެމީހެއްގެ މުސްލިމުކަން ފުރިހަމަވެގެންނުދާނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާއެވެ.
ރިއެކްޝަންސް






