
މުއައްސަސާތައް ގުޅިގެން ރޯދައަށް މާލެ ސާފްކުރަނީ
މާލެ ސިޓީ ކައުންސިލުންވެސް ބައިވެރިވޭ
ދެ މިނިސްޓްރީއެއް އިސްވެ, އެހެން މުއައްސަސާތަކާވެސް ގުޅިގެން ރޯދައަށް މާލެ ސާފްކުރަން ތައްޔާރުވެއްޖެއެވެ. މިކަމުގައި އިސްނެގީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާބެހޭ ވުޒާރާއާއި, ދިވެހި ބަހާއި ޘަގާފަތާއި ތަރިކައާބެހޭ ވުޒާރާއެވެ.
މިހަރަކާތް ކުރިއަށް ގެންދަން ކަނޑައަޅާފައި ވަނީ މާދަމާއެވެ. އިސްނެގި ދެ ވުޒާރާގެ އިތުރުން 20 މުއައްސަސާއަކުން މިކަމުގައި ބައިވެރިވެއެވެ. މީގެތެރޭގައި މާލެ ސިޓީ ކައުންސިލްވެސް ހިމެނެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ ރޯދައަށް މާލެތެރެ ސާފްކުރުމުގެ ހަރަކާތްތައް ކުރިން ފަށާފައެވެ. އިސްނެގި ދެ މިނިސްޓްރީގެ އިތުރުން ހަތަރު މިނިސްޓްރީއަކުން މިހަރަކާތުގައި ބައިވެރިވެއެވެ. އަދި ބައެއް ކުންފުނިތަކާއި, ރައްޔިތުންގެ މަޖިލިހާއި, ބައެއް މިނިވަން މުއައްސަސާތައް ހިމެނެއެވެ.
"ރޯދަ ސާފު"ގެ ނަމުގައި ކުރިއަށް ގެންދާ މި ޙަރަކާތް ފެށުމަށް ހަމަޖައްސާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 6.15 ގައެވެ. މި ޙަރަކާތުގައި މާލެތެރެއާއި، މާލޭގެ މުހިންމު ސަރަޙައްދުތަކެއް ސާފުކުރާނެ ކަމަށް އިންތިޒާމް ކުރާ މިނިސްޓްރީން ވަނީ ބުނެފައެވެ. ސާފްކުރާ ސަރަހައްދުތަކުގެ ތެރޭގައި އިންޑަސްޓްރިއަލް ޒޯނާއި، އުސްފަސްގަނޑު ސަރަޙައްދާއި، ލޮނުޒިޔާރަތް ޕާކު ސަރަޙައްދާއި، ހެދިގޮނޑުދޮށު ސަރަޙައްދާއި، އަލިމަސް ކާނިވާ ސަރަޙައްދާއި، މަސްވެރިންގެ ޕާކު ސަރަޙައްދާއި، އެމްޕީއެލް ސަރަޙައްދާއި، އަދި ރަސްފަންނު ސަރަޙައްދު ހިމެނެއެވެ.
ހަރަކާތުގައި ބައިވެރިވާ މުއައްސަސާތައް ވަނީ މަޝްވަރާ ކުރުމަށް ދެ ބައްދަލުވުމެއް ބާއްވާ, ތައްޔާރުވެފައެވެ.
ރިއެކްޝަންސް






